މާލޭގެ ކެފޭއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މަރައިލި ހއ.ތަކަންދޫ އިބްރާހިމީ ހިޔާ ނަދީމް ޢަބްދުއްރަޙީމް (ނަޑޭ) ގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
27 ޖުލައި 2017 ގެ ހަވީރުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާރމިނަލް ކެފޭގައި އޭނާ އިންދައި ތޫނު އެއްޗަކުން ހަމަލާދީ މަރައިލި މައްސަލާގައި ދައުލަތުން ދައުވާ ކުރީ ގ.ޝާރާޒް މުޙައްމަދު މަފާޒް ޙުސައިން ސަލީމާއި, ރ.އިންނަމާދޫ/ސަމަންތާ, ޙުސައިން ޝާމިން އާއި, ގއ.ގެމަނަފުށި/ހަވާސް, މުޙައްމަދު ކަރަމް ސުހައިލް އާއި, ލ.ގަން/ވިދާތަރި, ޢަލީ ނިފާޒުގެ މައްޗަށެވެ.
މި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނޮވެމްބަރު 2022 ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން ހައިކޯޓުގައި އެދުމުން އެ ކޯޓުން މިދިޔަ ހަފުތާގައި ނިންމީ އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ.
ދައުލަތުން ބުރާސްފަތިދުވަހު ވަނީ އެ ނިންމުން ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.