މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ އއ. އުކުޅަހުގައި ބާއްވަން ހަމަޖައްސައިފިއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) މަޢުލޫމާތުދިން ގޮތުގައި މިރޭ އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަކީ އެމްޑީޕީގެ ކުރިމަގާއި ބެހޭގޮތުން ކަންކަން ރޭވުމަށް ބޭއްވޭ ޖަލްސާއެއް ކަމުގައެވެ.
އެމްޑީޕީގެ ގިނަ އިސްވެރިންތަކެއް މިއަދު އުކުޅަހަށް ގޮސްފައިވެއެވެ. އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ އުކުޅަހުން އެ ޕާޓީގެ މެންބަރުންނަށް ތަހުނިޔާ ކިޔާފައިވެއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގައިން އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމްވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އުކުޅަހަށް ވަޑައިގަންނަވާފައިވެއެވެ.
އެމްޑީޕީ އިން އެންމެ ފަހުން ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާކުރިޔަށް ގެންދިޔައީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އިސްކޮށް ހުންނަވައިގެނެވެ. ނަމަވެސް މިރޭ އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހާއްސަ ޖަލްސާގައި ރައީސް އިބްރާހީމް ބައިވެރިވެވަޑައި ނުގަންނަވައެވެ. އެމްޑީޕީ އިން އެންމެ ފަހުން ބޭއްވެވި ޖަލްސާއަކީ، ރިޔާސީ އިންތިޙާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށް ފަހު ބޭއްވި ޖަލްސާއެވެ. އެ ޖަލްސާގައި އެމްޑީޕީ އިން ނިންމާފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށެވެ.
ކުރިން އެމްޑީޕީ ގެ ޤައުމީ މަޖިލީހުގައި ތިއްބަވާ ބައެއް މެންބަރުން، ސަރުކާރުގެ މަގާމެއް އަދާނުކުރަށްވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުން އެ މެންބަރުންނަށް ލިބިފައިވާ ފުރުސަތު ގެއްލޭނެއެވެ.