Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޙައްޖު

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ ފުރަތަމަ ބެޗު އަންނަ އަހަރު ފޮނުވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ގެންދާ ފުރަތަމަ ބެޗު އަންނަ އަހަރު ޙައްޖަށް ގެންދާނެކަން އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު އިއުލާނުކުރައްވައިފިއެވެ.

ނިމުނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް ޑރ.މުޢިއްޒު ވެވަޑައިގެންނެވި އެއް ވައުދުފުޅަކީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ޚަރަދުގައި 1،000 މީހުން ޙައްޖަށް ފޮނުވައިދެއްވުމެވެ.

ދައުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަމިއްލަ ޚަރަދުގައި ޙައްޖަށް ނުދެވޭ މީހުންނެވެ. ވެރިކަމުގެ ފުރަތަމަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވަކި އަދަދަކަށް މީހުން ދައުލަތުގެ ޚަރަދުގައި ހައްޖަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސެވުމާއެކު، ހައްޖު ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރައްވައި، އެ ކުންފުނިން ހައްޖަށް މީހުން ގެންދިއުމުގެ އަގުހެޔޮކުރެއްވުމަކީވެސް ރައީސްގެ ވައުދުފުޅެކެވެ.

އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ.މުޢިއްޒު ވައުދުފުޅާ އެއްގޮތަށް ދައުލަތުގެ ޚަރަދުގައި ޙައްޖަށް 1،000 މީހުން ފަސް އަހަރުގެ ތެރޭގައި ފޮނުވުމުގެ މަސައްކަތުގެ ތެރެއިން، ފުރަތަމަ ބެޗު އަންނަ އަހަރު ޙައްޖަށް ފޮނުއްވާނެ ކަމަށެވެ.

އަންނަ އަހަރު ދައުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދެވޭނެ މީހުން އަދަދު ކަނޑައެޅިގެންދާނީ ޙައްޖަށް މީހުން ގެންދިއުމަށް ލިބޭ ކޯޓާގެ އަދަދު ރަސްމީކޮށް ކަނޑައެޅުމުންކަމަށްވެސް މިނިސްޓަރު ޑރ.ޝަހީމް ވިދާޅުވިއެވެ.

އަދި މި ޕްރޮގުރާމުގެ ދަށުން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ މީހުން ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު ވަރަށް އަވަހަށް އެކުލަވާލައި އިއުލާނުކުރައްވާނެ ކަމުގައިވެސް ޑރ.ޝަހީމު ވިދާޅުވެފައިވެއެވެ.

ކޮންމެ އަހަރަކުވެސް އާންމުކޮށް ސައުދީން ދިވެހިރާއްޖެއަށް ދެމުން އަންނަނީ 1،000 ޙައްޖު ކޯޓާއެވެ. ނަމަވެސް ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ އަދަދު ކޮންމެ އަހަރަކުވެސް ސަރުކާރުން އެދިގެން 2،000 އަށް އިތުރުކޮށްދިނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އިތުރު ކޯޓާ ލިބިފައިނުވެއެވެ.

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިސްލާމިކް މިނިސްޓަރުކަން ޑރ.ޝަހީމާ ހަވާލުކުރެއްވުމާއެކު، ޙައްޖު ކޯޓާގެ އަދަދު އިތުރުކުރުމުގެ މަޝްވަރާތައް ދިވެހިި ސަރުކާރުންވަނީ ސައުދީ ސަރުކާރާއެކު ކުރިއަށްގެންދަން ފަށާފައެވެ.

މި ލިއުމާއި ގުޅޭ