Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލަމްހާ

މޭރީގެ މަރުގެ މައްސަލަ: ޝަރުތުތަކަކާއެކު ލަމްހާ ބަންދުން ދޫކޮށްލައިފި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރުގެ މައްސަލާގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު/މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

ލަމްހާ ބަންދުން ދޫކޮށްލަން ނިންމީ މޭރީގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައެވެ. މިއަދު ކުރިއަށް ގެންދިޔައީ ލަމްހާއަށް ކުރާ ދައުވާތަކުގެ އަޑުއެހުމެކެވެ.

މި މައްސަލާގައި ދެން ދައުވާ އުފުލާފައިވާ މޭރީގެ ފިރިމީހާ މާވިން އެސް.ވައި ވަރގަސްގެ ވަކީލު އެހެން މައްސަލައެއްގައި ހުންނެވުމުން ބައިވެރިވެވަޑައިނުގެންނެވޭތީ މާވިންގެ ބައެއް މިއަދު ކުރިއަށް ނުގެންދެއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ ދައުލަތުގެ ބައެއް ހެކިން ހާޒިރުކުރުމަށް އަދި އިތުރު ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެގޮތުން 15 ދުވަހުގެ މުއްދަތެއް ދެއްވުމަށް ދައުލަތުން އެދުނެވެ.

ހެކިން ހާޒިރު ކުރެވެން އޮތީ ޚާރިޖީ ވުޒާރާއާ ގުޅިގެން އިންޑިއާގެ އެމްބަސީއަށް ހާޒިރުކޮށްގެން ކަމަށާއި ސަރުކާރު ބަދަލުވުމާއެކު އިޖުރާއީ ގޮތުން ކުރަންޖެހޭ ކަންކަން ޚާރިޖީ ވުޒާރާއިގައި ވެސް ހުރުމާއި ބައެއް މަގާމުތައް ބަދަލުވަމުން ދިއުމާއެކު އެކަމަށް ދުވަސްތައް ނަގަނީކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ.

ދައުލަތުގެ ވާހަކަތަކަށްފަހު ވާހަކަ ދެއްކެވި ލަމްހާގެ ވަކީލު ވިދާޅުވީ ސަރުކާރެއް ބަދަލުވެފައިވާތީ ކަންކަން ލަސްވާކަމަށް ވިދާޅުވުމަކީ ތާކުންތާކުޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ހެކިން ހާޒިރު ނުކުރެވޭނަމަ ލަމްހާ ބަންދުން ދޫކޮށްލައިިދިނުމަށް އެދިވަޑައިގެންނެވިއެވެ.

މި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ޝަރީއަތުން ނިންމެވީ ޝަރުތުތަކާއެކު 180 ދުވަހަށް ލަމްހާ ބަންދުން ދޫކޮށްލުމަށެވެ.

ޝަރުތުތަކުގެ ތެރޭގައި:

މާލެއިން ބޭރަށްދާނަމަ ކޯޓަށް އެންގުން.

ކޯޓުން އަންގާ ވަގުތުތަކުގައި ހާޒިރުވުން.

ރޭގަނޑު 22:00 އިން ހެނދުނު 06:00 އަށް ގެއިން ބޭރުގައި ނޫޅުން.


މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ.

އެއީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ.
މި ލިއުމާއި ގުޅޭ