ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ވިލަރެސްކޮށް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަދި އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ހަސަން މުޣުނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.
ސްޓެލްކޯގެ އެމްޑީގެ މަޤާމުން މުޣުނީ ވަކިކުރައްވައި އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަޤާމަށް އޭނާ ހަމަޖައްސަވާފައިވަނިކޮށް، އެ މަޤާމުގައި ހުންނަވައިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޑުވިދާޅުވުމާ ގުޅިގެން އޭނާ މަޤާމުން ވަކިކުރެއްވިއެވެ.
ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުޣުނީ ރައީސް ޑރ.މުޢިއްޒަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދުކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ރިޔާސީ އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބާ ގުޅިގެންނެވެ.
ރޭ މުޣުނީ ޕީސީބީގެ މެންބަރުކަމަށް އައްޔަންކުރައްވާފައިވާއިރު، އިއްޔެ ރައީސްވަނީ އިތުރު 4 ބޭފުޅަކު އެ ބޯޑުގެ މެންބަރުކަމަށް އައްޔަންކުރައްވާފައެވެ. ޕީސީބީގެ ރައީސްކަމަށް ހެންވޭރު ރަންގަލި 4، ހަމްދީ އަގީލު އައްޔަންކުރެއްވުމާއެކު، އެ ބޯޑުގެ މެންބަރުކަމަށް ރައީސް ޑރ.މުޢިއްޒު އައްޔަންކުރެއްވި ބޭފުޅުންނަކީ:
ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމާއި ކުންފުނިތައް ހިނގާ ގޮތް ބެލުމާއި ދައުލަތުގެ ކުންފުނިތަކާ ގުޅޭ އާންމު ސިޔާސަތު އެކަށައެޅުމުގެ ބާރުތައް ލިބިފައިވާ ޕީސީބީގައި، ރައީސް ޑރ.މުޢިއްޒު ހަވާލުވެވަޑައިގެންނެވިއިރު ކޯރަމް ހަމަނުވެއެވެ. ކޯރަމް ހަމަވާ މިންވަރަށް ބޯޑުގައި މެންބަރުން ނެތި އެހައިތަނަށް 3 މަހެއްހައި ދުވަސް ފާއިތުވެފައިވެއެވެ.
ޕީސީބީއަށް މެންބަރުން އައްޔަންކުރެއްވުމާއެކު، ދައުލަތުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މަޤާމަށް ބޭފުޅުން އައްޔަންކުރުމަށް ހުރަހެއް ނޯންނާނެއެވެ.