މާލޭގެ މައްސަލަތަކަށް ހައްލު ލިބޭނީ ޑިމޮކްރެޓްސްގެ ސިޔާސަތްތަކުން ކަމަށް ޑިމޮކްރެޓްގެ މުއައްސިސް ޙަސަން ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.
ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް އިއުލާން ކުރުމުން އެމަޤާމަށް ވާދަކުރައްވާ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް މުޙައްމަދު ސައިފް ފާތިހް (އައިކޮ)އަށް ކެމްޕެއިން ކުރަމުންދާ ހަސަން ވިދާޅުވީ ސައިފް އަކީ މާލޭ ރައްޔިތުންނަށް ލިބުނު ޖަވާހިރެއް ކަމަށާއި މާލެއަށް ހައްލު ހޯދޭނީ ޑީމޮކްރެޓްސްގެ ސިޔާސަތުތަކުން ކަމަށެވެ.
މާލެ ސިޓީ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވައިލުމުން, އެ މަގާމަށް ވާދަކުރެއްވުމަށް ހުށަހެޅުއްވީ މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވާ ކައުންސިލަރު ސައިފް އެކަންޏެވެ. މާލޭ ސިޓީ މޭޔަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ސައިފަކީ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ހަލުވިކަމާއެކު މާލޭގެ މައްސަލަތައް ހައްލުކުރުމުގެ ދުރު ވިސްނުންހުރި ހަމައެކަނި ކެންޑިޑޭޓު ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.
ހަސަން ލަތީފް ވަނީ ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވުމަށްޓަކައި ފޯމް ހުށަހަޅުއްވާފައެވެ. ޑިމޮކްރެޓްސްގެ ރައީސްއާއި ނައިބު ރައީސް ހިމެނޭހެން 23 މަގާމަކަށް ބޭފުޅުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެގިފައިވަނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގައެވެ.