ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަށް ހިންގުމަށް ބޭޏުންވާ ބަޖެޓް އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅާނެ ކަމަށް މާލީ ވުޒާރާއިން މަޖިލީހަށް އަންގައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް އޮތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސެވެ. މި ބަހުސް އިއްޔެ ފެށުުނު ނަމަވެސް މަޖިލީހުގެ ހުރިހާ މެންބަރުންނަށް ބަޖެޓު ބަހުސްގައި ބައިވެރިވެވޭ ގޮތަށް މިއަދުވެސް ވަނީ އެ ބަހުސް ކުރިޔަށް ގެންގޮސްފައެވެ. ބަހުސް ކުރިއަށް ގެންދަން ނިންމާފައިވަނީ، ބަހުސްގައި ވާހަކަދައްކަވާ ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދީގެންނެވެ.
މިއަދުގެ މަޖިލިސް ނިންމާލަމުން ރިޔާސަތުގައި އިންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ މި ސަރުކާރުން އަލުން އުފެއްދި ވުޒާރާތަކަށް ބޭނުންވާ ބަޖެޓު ލަފާކޮށް އަންނ ހޯމަދުވަހު މަޖިލީހަށް ހުށަހަޅާނެ ކަމަށް މާލީ ވުޒާރާއިން އަންގާފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އާދިއްތަ ދުވަހު ބަހުސް ކުރިއަށް ގެންދަން ނިންމައި މަޖިލިސް ޖަލްސާ މެދުކަނޑާލެއްވީ ކަމަށެވެ.
ބަޖެޓް ބަހުސްގައި މެންބަރުން ދައްކާ ވާހަކަތަކާއި ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގަށް ޖުމުލަ 45 މިނެޓުގެ ވަގުތެއް ދޭން މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ނިންމައިފައެވެ. އެއީ ބަޖެޓް ބަހުސް ފަށާއިރު 15 މިނެޓު ބަހުސްގެ މެދު ތެރެއިން 15 މިނެޓު އަދި ބަޖެޓް ބަހުސް ނިމުމުން 15 މިނިޓެވެ.