މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ އާއި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންނަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ.
ދައުވާ ލިބުނު މީހުންނާއި އުފުލި ދައުވާތައް:
މއ.ފާގަފިލާގޭ އަޙްމަދު އިސްމާޢީލް (އަހަނދު): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ.
މ.ލެގޫންވިއު އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް (އިސޫ) :ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ.
ދަފްތަރު ނަންބަރު 8499 އަޙްމަދު މުޢާޒު (ގަޓު މުއާ): ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ.
މީގެކުރިން މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ, މި މައްސަލާގައި އަހަނދުއަށް ކުރާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައެވެ. އަދި އިސޫއާއި މުއާގެ މައްޗަށް ކުރާ ދައުވާތައް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ނިންމައި, މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ މައްސަލަ އަނބުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިލާފައެވެ.
މީގެއިތުރުން އެ ތިން މީހުން ބަންދުން ދޫކޮށްލިއިރު ފައިގައި އެޅުވި މޮނިކޮން ޓެގް ނައްޓައިލުމަށް ވަނީ އަމުރުކޮށްފައެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާރ އަޙްމަދު ޝަފީއު ވިދާޅުވީ އެ ނިންމުންތައް އިސްތިއުނާފު ނުކުރާނެ ކަމަށެވެ.
މީގެ އަށެއްކަ އަހަރު ކުރިން ރިޟުވާނު ވީނުވީތަނެއް ނޭނގި ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ 13 އޮގަސްޓު 2014 ވަނަ އަހަރުއެވެ.
މިދިޔަ ސަރުކާރުން އުފެއްދި މަރު ކޮމިޝަނުން ބުނެފައިވާ ގޮތުން ރިޟްވާނަށް ގެއަށްދެވޭނީ އޭނާ ގެއްލުނު ރޭ 1:45 ހާއިރުގައެވެ. އަދި އޭނާ ހުޅުމާލެއަށް ދިޔައިރު އޭނާ ދިރިއުޅޭ ފުލެޓު ކައިރީ ރަތް ކާރެއް މަޑުކޮށްފައި އޮތް ކަމަށާއި, އެ ހިސާބާއި އަރައި ހަމަވުމުން ގަދަކަމުން އޭނާ ޖަހައިގަނެ ކާރަށް އަރުވައިގެން ގެންގޮސް މަރާލައި ކަނޑުފެއްތީ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ބްލޮގަރު ޔާމިން މަރައިލީ 23 އޭޕްރީލް 2017 ގައި އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.