ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެރިކަމާ ހަވާލު ވެވަޑައިގެންފަހުން އެމަނިކުފާނު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މާދަމާ ސައުދީ އަރަބިއްޔާއަށް ވަޑައިންނަވަން ނިންމައިފިއެވެ.
ރައީސް ޑރ. މުއިއްޒު މާދަމާ ސައުދީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ދިގުމިނަކީ 3 ދުވަސްކަން އެނގިފައިވީނަމަވެސް އެ ދަތުރުފުޅާއި ބެހޭގޮތުން މާބޮޑު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ މެދު އިރުމަތީގެ ޤައުމުތަކާއިއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން، ބަޖެޓް ސަޕޯޓަށް ބޭރުން އެހީ ހޯދާއިރު ބޮޑަށް މެދު އިރުމަތީގެ ޤައުމުތަކަށް މިސްރާބުޖަހާފައިހުރިކަމަށް މާލީ ވަޒީރު މުޙައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުންވެސް މި ފަހަކުން ރާއްޖެއާއިއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ޗެއާކުރެއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ފާސް ކުރައްވާފައެވެ.
ސައުދީ އަރަބިއްޔާއި އެކު ވެވޭ ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިންނެވެ. ސައުދީގެ ފަރާތުން އެ އެއްބަސްވުމުގެ ކަންކަމުގައި އިސްކޮށް ހުންނަވަނީ އެ ގައުމުގެ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަންއެވެ.
މާދަމާ ސައުދީއަށް ރައީސް ކުރަށްވާ ދަތުރުފުޅު ނިންމަވާލުމަށްފަހު ރައީސް ވަޑައިންނަވާނީ މޮޕް-28 ސަމިޓުގައި ބައިވެރިވުމަށްޓަކައި ދުބާއީއަށްކަށެވެ. ކޮޕް-28 ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާކަން ރައީސް ޢިއުލާން ކުރެއްވީ ރޭ ޖެންހޮޓަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.