Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

ބަޖެޓުން ޚަރަދު ކުޑަކުރަން މުހިންމު ތިން ފިޔަވަޅެއް އަޅަން ނިންމައިފި

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ޚަރަދު ކުޑަކުރަން މުހިންމު ތިން ފިޔަވަޅެއް އަޅަން ސަރުކާރުން ނިންމައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 49.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލީ ވަޒީރު ޑރ.މުޙައްމަދު ޝަފީޤް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޚަރަދުގެ ގޮތުގައި ހިނގާނީ 47.3 ބިލިއަން ރުފިޔާ ކަމަށާއި އެއީ ރިކަރަންޓުގެ ޚަރަދުގެ ގޮތުގައި ހިނގާ 34.8 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 12.5 ބިިލިއަން ރުފިޔާ ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ޚަރަދުތަކުގެ އިތުރުން މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރަން ބޭނުންވާ 2.2 ބިލިއަން ރުފިޔާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ފިސްކަލް އަދި ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ ޚަރަދާއި ފައިނޭންސް ހޯދަންޖެހޭ މިންވަރު ކުޑަކުރަންޖެހޭއިރު ޚަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް ތަންފީޒު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ވަޒީރު ފާހަގަކުރެއްވި ތިން ކަމަކީ:

1.އިންޑައިރެކްޓްސް ބައެއް ސަބްސިޑީތައް ސަރުކާރުގެ
އެހީތެރިކަން ޖެހިފައިވާ މީހުންނަށް ޚާއްސަ ކުރެވޭ ގޮތަށް ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލު ކުރުން.

2.އާސަންދައިގެ ނިޒާމު ހަރުދަނާކޮށް މުރާޖައާ ކުރުން.

3.ސަރުކާރުގެ ވެލްފެއަރގެ ގޮތުގައި އެހީ ދޭ ނިޒާމު ހަރުދަނާ ކުރުން.

މި ސިޔާަސަތުތައް އެކުލަވާލެވިފައިވަނީ އައިއެމްއެފްއާއި ވޯލްޑް ބޭންކާއި އޭޑީބީ ފަދަ މާލީ އިދާރާތަކުގެ ފަންނީ އެހީތެރިކަމާއެކު ތައްޔާރު ކުރެވުނު ދިރާސާގެ އަލީގައި ކަމަށާއި އަންނަ އަހަރުގެ ޖުލައި މަހުގައި މި ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

''ދައުލަތުން އެކަށީގެންވާ ގޮތެއްގައިި ޚަރަދު ކުޑަކުރެވެން އަންނަނީ މި ސިިޔާސަތުތަކަށް ބަދަލު ގެނެސްގެންކަން ފާހަގަކުރަން.''

ސިޔާސަތުތަކަށް ބަދަލު ނުގެނެސް ހައްލެއް ނުގެނެވޭނެ ކަން ފާހަގަކުރައްވައި ވަޒީރު ވަނީ ވީ އެންމެ ބޮޑަށް ޚަރަދު ކުޑަކޮށްގެން މަސައްކަތް ކުރަމުން ގެންދިއުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އިލްތިމާސް ކުރައްވައިފައެވެ.

މި ލިއުމާއި ގުޅޭ