Thursday 18th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (އޭދަފުށީ)

މިދިޔަ އަހަރުތަކުގައި ކޮރަޕްޝަން އިތުރުވީ އޮޑިޓް އޮފީހުގެ އިހުމާލުން: ސަލީމް

މިދިޔަ އަހަރުތަކުގައި އޮޑިޓް އޮފީހުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި ކޮރަޕްޝަން އިތުރުވެގެން ދިޔައީ އޭގެ ސަބަބުން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ބަހުސްގެ ތެރެއިން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ކޮރަޕްޝަންގެ މައްސަލަތަކުގެ ސަބަބުން ދައުލަތުން އެތައް ފައިސާއެއް ގެއްލިގެންދާ ކަމަށެވެ.
އެހެންކަމުން ބަޖެޓުގެ ވާހަކަ ދައްކާއިރު ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުންނާއި މުޅި ދައުލަތަށް ހިޔާނާތްތެރިވާ މީހުންގެ މައްސަލަތައް ބެލޭނެ އިންތިޒާމު ގާއިމުކުރަންޖެހޭ ކަމަށެވެ.
"ކަރަޕްޝަނާއި ފަސާދައިގެ ކަންކަން ހުއްޓުވުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަން މި މަޖިލީހުންނާއި، ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭ. މިގޮތަށް މަސައްކަތްކޮށްފި ކަމަށްވަންޏާ، ދައުލަތުން މި ވޭސްޓު ވެގެންދާ ފައިސާ، އެތައް ބިލިއަން ރުފިޔާއެއް ހިފެހެއްޓެނެކަމީ ޝައްކެއް ހުރި ކަމެއް ނޫން،" ސަލީމް ވިދާޅުވި އެވެ.
އާ ސަރުކާރުން ކޮރަޕްޝަނަށް ޖާގަ ނުދޭނެކަން މިދިޔަ ހުކުރު ދުވަހު ހުވާކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަގުރީރުގައި ވެސް ވިދާޅުވިކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ބަހުގެ އިތުރުން އެކަމުގައި އަމަލީ މަސައްކަތް ކުރެވެންޖެހޭ ކަމަށެވެ.
ސަލީމް ވިދާޅުވި ގޮތުގައި އޮޑިޓް އޮފީހަށް ކޮންމެ އަހަރަކު އެ އޮފީހުން އެދޭ ބަޖެޓެއް މަޖިލީހުން ފާސްކޮށްދޭއިރު، އެ ފައިސާގެ އެތައް ގުނަ އިތުރު އަދަދެއް އެ އޮފީހުން ދައުލަތަށް އަނބުރާ ހޯދައިދޭން ޖެހޭނެ ކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދައުލަތުން ކޮރަޕްޝަނަށް ގެއްލޭ ފައިސާ އިތުރުވީ އެ އޮފީހުގެ އިހުމާލުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ އަހަރަކު ރަނގަޅަށް އޮޑިޓް ކުރެވޭނަމަ ކޮންމެވެސް ވަރަކަށް މިކަންކަން [ކޮރަޕްޝަން] ހުއްޓިގެންދާނެ. މިކަން ކުރާ އަދަދު މަދުވާނެ."
ސަލީމް
".. އޮޑިޓް އޮފީހުން ބޭނުންވާ އަދަދަކަށް މާލިއްޔަތު ކޮމިޓީން ބަޖެޓު އެބަ ފާސްކޮށްދޭ. އެ ބަޖެޓުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި، އޮޑިޓް އޮފީސް އުފައްދާފަ މިހުރީ، އޭގެ މަގްސަދަކީ އޮޑިޓް އޮފީހަށް އަޅުގަނޑުމެން ދޭ ފައިސާގެ އެތައް ގުނައެއް އޮޑިޓް އޮފީހުން އަޅުގަނޑުމެންނަށް ހޯދައިދޭން އެބަޖެހޭ. ހޯދައިދިނުމުގެ މާނައަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ހުއްޓުވެން ޖެހޭނެ،" ސަލީމް ވިދާޅުވި އެވެ.
"ހުއްޓުވޭނީ އެކަށީގެންވާ ގޮތެއްގައި އޮޑިޓް އޮފީހުން މަސައްކަތް ކޮށްގެން. އޮޑިޓް އޮފީހުން އެކަށީގެންވާ ގޮތަކަށް މިދިޔަ ދުވަސްތަކުގައި މަސައްކަތެއް ނުކުރޭ. ސަރުކާރުގެ ވުޒާރާތައް، ސަރުކާރުގެ ކުންފުނިތައް އަހަރުން އަހަރަށް އޮޑިޓް ކުރަމަކުން ނުދޭ. އޭގެ ނަތީޖާއަކީ މިކަންކަން ކުރަންތިބޭ [ކޮރަޕްޝަން ހިންގާ] މީހުންނަށް މަގުފަހިވެގެން ދިޔުން."
އެހެންކަމުން އޮޑިޓް އޮފީހުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް މިހާރަށްވުރެ ބޮޑަށް ހަރަކާތްތެރިވާންޖެހޭ ކަމަށާއި އޭރުން ދައުލަތުން ކޮރަޕްޝަނަށް އިސްރާފުވެގެންދާ ފައިސާ ސަލާމަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ