Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިސްރާއީލުގެ ނިރުބަވެރިން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހަތަރުދުވަހަށް މެދުކަނޑާލަން އެއްބަސްވެއްޖެ

ގުދުސް (ނޮވެމްބަރ 22) - އިސްރާއީލުގެ ނިރުބަވެރިން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހަތަރުދުވަހަށް މެދުކަނޑާލަން އެއްބަސްވެއްޖެ އެވެ.
އިސްރާއީލުން އެގޮތަށް އެއްބަސްވީ ހަމާސްއާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
ގަތަރު މެދުވެރިގެން ހެދި އެއްބަވުމުގެ ދަށުން، ޣައްޒާގައި ހަތަރު ދުވަހުގެ މުއްދަތަށް ހަނގުރާމަ ނުކުރުމަށާއި އެ ސަރަހައްދުގައި ތިބި އިސްރާއީލްގެ ބައެއް ގައިދީން މިނިވަން ކުރުމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމަށް އަމަލު ކުރުމަށް އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ފަލަސްތީނުގެ 14،100 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލި، ހަ ހަފުތާއަށް ވުރެ ގިނަ ދުވަސްވަންދެން ހިނގަމުންދާ ހަނގުރާމަތަކަށް ކުޑަ ވަގުތުކޮޅަކަށް ހުއްޓުމެއް އަންނާނެ އެވެ. އިސްރާއީލަށް ޣައްޒާއިން ދިން ރޮކެޓް ހަމަލާތަކުގައި އިސްރާއީލުގެ 1200 މީހަކު ވަނީ މަރުވެފަ އެވެ.
ނަތަންޔާހޫ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މާނައަކީ ހަމަނުޖެހުން ނިމުމަކަށް އައުން ނޫން ކަމަށެވެ. ހަމާސް އިން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ނުވަތަ އެ މުއްދަތު ހަމަވުމުން އަސްކަރީ ކެމްޕޭން ފުރިހަމަ ބާރާއި އެކު ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުން ރޭވެސް ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ ހަމަލާތައް ދީފާވާއިރު، އޭގެ ތެރޭގައި ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލްގެ ވަށައިގެންވާ ސަރަހައްދުތަކާއި ދެކުނުގައި އޮންނަ ޚާން ޔުނިސް ސަރަހައްދުވެސް ހިމެނެއެވެ.
އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން ހުއްޓާނުލައި ޣައްޒާއަށް އިސްރާއީލުން ހަމަލާތައް ދެމުންދާއިރު، ޣައްޒާގައި ތިބި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުންވެސް ވަނީ އިސްރާއީލަށް އެތައް ސަތޭކަ ރޮކެޓް ހަމަލާތަކެއް ދީފައެވެ.
ބައިނަލްއަގްވާމީ މެދުވެރިން އުއްމީދު ކުރަނީ ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލުމަށް ވީ އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާތަކަށް މަގު ހުޅުވިގެންދާނެ ކަމަށެވެ.
މި ލިއުމާއި ގުޅޭ