ވިޔަފާރީގެ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއެކު ސޮއިކުރަން ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން ނިންމީ އަންގާރަ ދުވަހުއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގެ މަޢުލޫމާތު ހާމަކުރަމުން، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީ "ވާސް" އިން މިއަދު ބުނެފައިވަނީ ވިޔަފާރީގެ މި އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ މަޝްވަރާތައް ދިވެހިރާއްޖޭގެ އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދަވާނީ ސަޢޫދީޢަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން ކަމަށެވެ.
ސައޫދީ ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި މުހިންމު 15 ނިންމުމެއް ނިންމަވާފައިވާކަމަށްވެސް ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީއިން ބުނެފައިވެއެވެ.
ސައޫދީއާއި ރާއްޖެއަކީ ޒަމާނުއްސުރެ ވަރަށްގާތް އަޚުވަންތަކަން އޮންނަ އެކުވެރި ދެ ގައުމެވެ. ސަޢޫދީ އަރަބިއްޔާގެ ހާއްސަ މަންދޫބު، މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޕްލޭނިންގ، ފައިސަލް ބިން ފާޟިލް އަލްއިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިދިޔަހަފްތާގައި އިޙްތިރާމްގެ ޒިޔާރަތެއްވެސް ވަނީ ކުރައްވާފަ އެވެ.