ނަހަމަ ގޮތުގައި ރައްޔިތުންގެ ފައިސާއިން ބަދަލުދީގެން ނުވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުއިއްޒު މިހެން ވިދާޅުވީ މިއަދު އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ނަހަމަ ގޮތުގައި ބަދަލުދީގެން ނުވާނެ ކަމަށެވެ.
ރައީސް ވަނީ ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީ ސަރުކާރުން އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ އުވާލައްވާފައެވެ.
އެކޮމިޓީ އުވާލެއްވިއިރު، އެ ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރައީސް އެ ކޮމިޓީ އުވާލައްވާފައިވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފާގެ މަތިންނެވެ.
އެގޮތުން ރައީސް އޮފީހުން ވިދާޅުވީ، "ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދަނީ، ޤާނޫނީ އޮނިގަނޑެއް ނެތި އަދި ޤާނޫނީ ބާރެއް ނެތި އެކުލަވާލާފައިވާ އުޞޫލަކަށް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސަށް ލަފާ ދެއްވާފައިވާ ކަމަށެވެ.