ރައީސް އިބްރާހީމްގެ ސަރުކާރުން ރައީސް އޮފީހުގައި އުފެއްދި ސެޓެލްމެންޓް ކޮމިޓީން އެކި ފަރާތްތަކަށް ނަގުދު ފައިސާގެ ގޮތުގައިއާއި ފަޅުރަށްތަކާ މުދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ބަދަލު ދިނުމަށް ނިންމާފައިވާކަން ހާމަވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި, ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ މިއަދު އުވާލަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވިއިރު އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައެވެ.
އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި ކޮމިޓީއިން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ފައިސާ ދީފައިވަނީ ޤާނޫނީ ބާރެއް ލިބިގެން ނޫން ކަމަށާއި އެއީ ޤާނޫނާއި ހިލާފަށް ހިންގާފައިވާ ކަމެއްކަމަށް ބަންޑާރަ ނައިބު އުޝާމްވެސް ވިދާޅުވެފައިވެއެވެ.
އެ ކޮމިޓީ އުފެއްދުމުގެ ކުރިންވެސް ރައީސް އިބްރާހީމްގެ ސަރުކާރުންވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 2 ބިލިއަނާ ގާތަށް ފައިސާ ދީފައެވެ. ރައީސް އިބްރާހީމްގެ ސަރުކާރަކީ ރާއްޖޭގެ ތާރީހުގައިވެސް މިގޮތަށް އެކި ފަރާތްތަކަށް އެންމެ ގިނަ އަދަދަކަށް ބަދަލުދިން ސަރުކާރެވެ.