Wednesday 29th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާބާދުވުންތައް

ސެޓްލްމަންޓް ކޮމެޓީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އުވާލައްވައިފި

ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ "ސެޓްލްމަންޓް ކޮމެޓީ" ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އުވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސް އަންގާރަ ދުވަހު އެ ކޮމެޓީ އުވާލެއްވީ "ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން އަމަލުކުރަމުންދަނީ، ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލަކަށް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސް ލަފާ ދެއްވުމާ ގުޅިގެންނެވެ.
މި އުސޫލާމެދު ދައުލަތުގެ ބަންޑާރަ ނާއިބު ރައީސަށް ދެއްވި ލަފާގައި، މިއީ ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލެއްކަން ފާހަގަކުރެއްވުމުގެ އިތުރުން، މި އުސޫލުގެ ދަށުން މައްސަލަތައް ޙައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއް ނެތި ކުރިއަށް ގެންދިޔައީ، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޝަރުޢީ މަރުހަލާގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި އެ އުސޫލުގެ ދަށުން ޙައްލުކޮށްފައިވާ 5 މައްސަލައެއް ފާހަގަކުރައްވައި، އެ މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ، ބަންޑާރަ ނާއިބުގެ ފަރާތްޕުޅުން ޝަރުޢީ މަރުހަލާގައި ފާހަގަކުރައްވަމުން ގެންދެވި ނުކުތާތަކަށް ރިއާޔަތްކުރެއްވުމަކާ ނުލައި، އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ރައުޔާވެސް ޚިލާފަށްކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި އުސޫލަކީ އެއްވެސް އިންސާފެއް، ހަމަހަމަކަމެއް ނެތި، ތަޢައްސުފީކޮށް ޢަމަލުކުރުމަށް މަގުފަހިވާ އުސޫލެއްކަމަށާ، މި އުސޫލު ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއާ ޚިލާފުކަމަށްވެސް ބަންޑާރަ ނާއިބު ދެއްވި ލަފާގައިވެއެވެ.

ސެޓްލްމެންޓް ކޮމިޓީގައި އުވާލެއްވުމަށްފަހު އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ގަވާއިދާއި ޚިލާފަށް ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއްގޮަތަކަށްވެސް ކުރެވިގެންވާނޭ ކަމެއްނޫން ކަމަށެވެ.

ސެޓްލްމަންޓް ކޮމެޓީ އުވައިލެއްވިއިރު، އެ ކޮމިޓީއިން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމައިފައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ލިއުމާއި ގުޅޭ