Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަބްދުﷲ ރިޔާޒް

މަޖިލީހުގައި އެމްއެންޕީ ތަމްސީލު ނުކުރޭވެނެކަމަށް ނިންމުން ޤާނޫނު އަސާސިއާ ޚިލާފު: ރިޔާޒު

ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) ތަމްސީލު ނުކުރޭވެނެކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ނިންމެވި ނިންމުން ޤާނޫނު އަސާސިއާ ޚިލާފުކަމަށް އެމް.އެން.ޕީ ގެ ޑެޕިއުޓީ ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމް.އެން.ޕީ ތަމްސީލު ނުކުރެވޭނެކަމަށް މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ މިއަދުގެ ޖަލްސާ ފައްޓަވަމުންނެވެ. އަސްލަމް ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގައި ވާގޮތުން، މަޖިލީހުގައި ތަމްސީލު ކުރާ ޕާޓީއެއްގެ މެންބަރުންގެ އަދަދު އެއްވެސް ހާލެއްގައި 3 މެންބަރުންނަށްވުރެއް މަދުވެއްޖެނަމަ އެ ޕާޓީ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރުމުގެ ޙައްގު ގެއްލޭނެކަމަށެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އެމް.އެން.ޕީ ތަމްސީލު ކުރައްވަމުން ގެންދެވީ 3 ބޭފުޅުންނެވެ. އެއީ، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒްއާއި، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަދި ވިލިމާލެ ދާއިރާގެ މެންބަރުކަން ފުރުއްވަމުން ގެންދެވި އަހްމަދު އުޝާމްއެވެ.

ނަމަވެސް، އާސަރުކާރު އައުމާއި ގުޅިގެން ބަންޑާރަ ނައިބުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްޓަކައި އުޝާމް މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އިސްތިއުފާ ދެއްވިއެވެ. އެހެންކަމުން، މަޖިލީހުގައި އެމް.އެން.ޕީ ތަމްސީލު ކުރެއްވުމަށް ބާކީ ތިއްބެވީ 2 މެންބަރުންނެވެ. އެއީ، ރިޔާޒް އަދި ނާޒިމްއެވެ.

މަޖިލީހުގެ ރިޔާސަތުން ނިންމެވި ނިންމުށް ދެކޮޅު ހައްދަވާ ނިޒާމީ ނުކުތާއެއް ނަންގަވާ ރިޔާޒު ވިދާޅުވީ ރިޔާސަތުގެ ނިންމެވުން ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއާއި، 17 ވަނަ މާއްދާ އަދި 30 ވަނަ މާއްދާއާއި ޚިލާފުވާކަމަށެވެ.

"މަޖިލީހުގެ ރިޔާސަތުން އަޅުގަނޑަކީ އެމް.އެން.ޕީ ގެ މެންބަރެއް ނޫންކަމަށް ޤަބޫލުކުރައްވާ 'އިންޑިޕެންޑެންޓް' މެންބަރެއްގެ ގޮތުގައި ނިންމެވުމަކީ، މި ދެންނެވި ދިވެހިރާއްޖޭގެ 16، 17 އަދި 30 ވަނަ މާއްދާއާ ޚިލާފަށް ނިންމެވި ނިންމުމެއް،"
މެމްބަރު ރިޔާޒް

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައިވަނީ، ޙައްޤުތައް ދެމެހެއްޓުމަށް އަންގަވާފައެވެ. ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައިވާގޮތުންނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސްމިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ.

އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް އެ މާއްދާގައިވެއެވެ.

މީގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަމާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާކަން ބަޔާންކޮށްފައިވެއެވެ.

ރިޔާޒް ވިދާޅުވީ ޤާނޫނު އަސާސީގައި އެ ޙައްގުތައް ލިބިދީފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ މާއްދާގެ (ނ) ޤާނޫނު އަސާސީއާއި ފުށުއަރާކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ރިޔާޒް އަކީ އެމް.އެން.ޕީ ގެ މެންބަރެއްކަމަށް ޤަބޫލު ކުރާނަމަ މަޖިލީހުން ރިޔާޒްއަކީ އިންޑިޕެންޑެންޓް މެންބަރެއްކަމަށް ޤަބޫލުކުރަންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

މި ލިއުމާއި ގުޅޭ