2025 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީގައި ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މިއަދު ވިދާޅުވީ ދިރާސީ އައު އަހަރު 2025 އިން ފެށިގެން ޖެނުއަރީގައި ފަށާގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
އާ ސަރުކާރުގައި އާ ވަޒީރުން ދަނީ ވުޒާރާތަކުގައި ހުރި ގިނަ ކަންތައް ބަލައި ބައެއް ކަންތައް ބަދަލުކުރަމުންނެވެ. އެގޮތުން ތައުލީމީ ވަޒީރު ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް އަޑުއަހާފައެވެ.
ކޮވިޑް ޕެންޑަމިކާއި ގުޅިގެން ރާއްޖޭގައި ޒަމާނުއްސުރެ ޖެނުއަރީގައި ފަށަމުން އައި ދިރާސީ އާ އަހަރު ކުރީގެ ސަރުކާރުން ވަނީ އޮގަސްޓަށް ބަދަލުކޮށްފައެވެ. މި ނިންމުމާއި ގިނަ ރައްޔިތުން އޭރު ނުރުހުން ފަޅުކުރިއެވެ.
މިގޮތަށް ބަދަލުކުރެވުމުން ކުދިންގެ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެމިގެންދިޔައެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ޖެނުއަރީއަށް ބަދަލުކުރުމަށް ރައީސް ޑރ.މުހައްމަދު ވަނީ ވައުދުވެފައެވެ.