Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

މިނިސްޓަރ އާދަމް ޝަރީފް މާލެ ސިޓީ ކައުންސިލަރުންނާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް މާލެސިޓީ ކައުންސިލްގެ އިސްވެރިންނާއި ކައުންސިލަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ މާލެ ސިޓީ ކައުންސިލް ބިއުރޯގައެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ވުޒާރާ އާއި ހުރިހާ ސިޓީތަކާއި ކައުންސިލްތަކާއި ގުޅިގެން ނަތީޖާ ނެރުމަށްޓަކައި ކައުންސިލްތައް ހިންގުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މީގެކުރިން މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ރައީސް އުޅުއްވިއިރު ކައުންސިލްގައި ހުރި މުހިންމު ކަންކަން ތަޖުރިބާ ކުރައްވާފައި ކަމަށާއި މިއީ އެ ތަޖުރިބާގެ އަލީގައި ރައީސް މުއިއްޒު އުފެއްދެވި ވުޒާރާއެއް ކަމަށެވެ.

"ރައީސް ޑރ. މުއިއްޒު ވަނީ މީގެ ކުރިން ވަޒީރެއްގެ ގޮތުގައި ހުންނަވާ އަދި މާލެސިޓީގެ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެންވެސް ކައުންސިލްގައި ހުރި މުހިންމު ކަންކަން ތަޖުރިބާ ކުރައްވާފައި."
އާދަމް ޝަރީފް

ޝަރީފް ވިދާޅުވީ ރައީސް ކެމްޕެއިންތެރޭ ވައުދުވި ފަދައިން ސަރުކާރާއި ރައްޔިތުންނާއި، އަދި ކައުންސިލްތަކާއި ސިޓީތަކާއި ގުޅުވައިދިނުމަށްޓަކައި، ވުޒާރާއެއް އުފައްދަވައި އެމަނިކުފާނުގެ ވައުދު ފުއްދާފައިވާ ކަމަށާއި ދެން ކުރަންވީ މަސައްކަތަކީ މިނިސްޓްރީ އާއި ކައުންސިލްތަކާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނި ކަންތައްތަކުން ނަތީޖާ ނެރުމަށްޓަކައި މަސައްކަތްކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދިނުމުގައި ސިޓީތަކާއި ކައުންސިލްތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، މިފަދައިން މާލެ ސިޓީ ކައުންސިލާއި މާލެސިޓީގެ ރައްޔިތުންނާއި ގުޅުވައިދިނުމަށް މިނިސްޓްރީއިން އެއްބާރުލުން ފޯރުކޮށްދިނުމާއިއެކު، ހުރިހާ މާނައެއްގައި ރައީސުލް ޖުމްހޫރިއްޔާ މާލެސިޓީ އަށް ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް ގެނައުމުގައި މިނިސްޓްރީ އާއި ކައުންސިލާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރ އާދަމް ޝަރީފް ވަނީ ދެއްވާފައެވެ.

މި ބައްދަލު ވުމުގައި މާލެ ސިޓީގެ އެކްޓިންގ މޭޔަރުގެ އިތުރުން ބައެއް ކައުންސިލަރުން ވަނީ ކައުންސިލް ހިންގުމުގައި ނިމިދިޔަ ސަރުކާރުގައި ދިމާވި ދަތިތަކުގެ ވާހަކަތައް މިނިސްޓަރާއި ހިއްސާ ކުރައްވާފައެވެ.އެގޮތުން މާލެސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ލޭންޑް ޔޫސް ޕްލޭން ފާސްނުވެ އޮތުމުން ދިމާވާ ގޮންޖެހުންތަކާއި، ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

މަޝްވަރާ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ މިހާރުން މިހާރަށް ހައްލުކުރަންޖެހޭ މުހިންމު ކަންކަން ދިރާސާއަކަށް ނުގޮސް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ޢިލްމީ ދިރާސާއަކަށްފަހު ކުރިއަށް ދާނެ ކަމަށެވެ.
މި ލިއުމާއި ގުޅޭ