6.5 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވުނު ޖަލްސާގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފައިވަނީ 57 މެންބަރުންގެ ވޯޓުންނެވެ. މި ބަޖެޓާއި ދެކޮޅަށް 10 މެންބަރުން ވަނީ ވޯޓު ދީފައެވެ.
މިބަޖެޓަކީ ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުށަހެޅި ބަޖެޓެކެވެ. އަދި މިއީ މިއަހަރު ދައުލަތަށް ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 42.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ 6.5 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއިއެކު، 49.3 ބިލިޔަން ރުފިޔާއަށް މިއަހަރުގެ ޖުމްލަ ބެޖެޓު އަރާނެއެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ސަބްސިޑީ އަދި އާސަންދައަށާއި، ޕީއެސްއައިޕީގެ އިތުރުން ސަރުކާރު ކުންފުނިންތަކުގެ ކެޕިޓަލް ކޮންޓްރިބިއުޝަން އިތުރު ކުރުމަށް ބޭނުންވާ ފައިސާއެވެ.
މި ބަޖެޓާމެދު ނިމިދިޔަ ސަރުކާރުން ބުނެފައިވަނީ މިއީ މިއަހަރުގެ ބަޖެޓު ފޫބައްދަން ކަމަށް މިސަރުކާރުން ހުށަހެޅި ބަޖެޓެއް ކަމަށެވެ. އަދި މި ބަޖެޓުގެ ތެރެއިން އާ ސަރުކާރަށް ލިބިގެންދާނީ ވަރަށް ހަނި ޖާގައެއް ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވަނީ ނިމިދިޔަ ސަރުކާރުގެ ފަރާތުން ހިންގަމުންދިޔަ މަޝްރޫއުތަކުގެ އިތުރުން ތަރުތީބު ވެގެން އަންނަ މާލީ ޒިންމާތަކުގެ ތެރެއިން އާ ސަރުކާރަށް ވާރުތަ ވާ ކަންތައްތައް ކަމަށްވެސް ނިމިދިޔަ ސަރުކާރުން ވަނީ ބުނެފައެވެ.