ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ދާއިމީ އޮފީހެއް ރާއްޖޭގައި ގާއިމްކުރުމަށް ނިންމައިފައިވާކަމަށް ޔޫ.އެސް.އެއިޑް ގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ ވިދާޅުވެއްޖެއެވެ.
ޔޫ.އެސް.އެއިޑް ގެ ދާއިމީ އޮފީހެއް ރާއްޖޭގައި އަޅަން ނިންމާފައިވާ މައިގަނޑު ސަބަބަކީ، ތަނަވަސް ޑިމޮކްރަޓިކް ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށް އެހީތެރިވެދިނުމަށްކަމަށް ސަމަންތާ ވިދާޅުވެފައިވެއެވެ.
2001 ވަނަ އަހަރުން ފެށިގެން ޔޫ.އެސް.އެއިޑް އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އާދެއެވެ. އެގޮތުން، ޑިޒާސްޓާ ރެސްޕޮންސް ކެޕޭސިޓީ އިތުރުކުރުމާއި، ތިމާވެށީގެ ވަސީލަތްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި، މޫސުމާ ގުޅުންހުރި ގޮންޖެހުންތަކަށް އާ ހައްލުތައް ދެނެގަނެ އެ މަސައްކަތް އިތުރަށް ފުޅާކުރުމާއި، ހުޅުވާލައިގެން ކަންކަންކުރުމާއި ޑިމޮކްރަސީގެ ކުރިއެރުން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ދާއިމީ އޮފީހެއް ގާއިމްކުރުމަކީ މިނިވަންކަމާއި އެކީ ކުރިއަރަމުން އަންނަ ރާއްޖެއަށް އެމެރިކާގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމަށް ވެފައިވާ ވައުދުގައި ދެމިހުރިކަން ދައްކުވައިދޭ ހެއްކެއް ކަމަށް ޔޫ.އެސް.އެއިޑްއިން ބުނެފައިވެއެވެ. އަދި ހަމައެފަދައިން، އޭގެ ސަބަބުން ދިވެހި ދައުލަތާއި ރާއްޖޭގެ ރައްޔިތުންނާ އެމެރިކާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ބިނާކުރުވަނިވި ޕްރޮގްރާމްތަކެއް ހިންގުމަށް ފަސޭހަވެގެންދާނެކަމެއް ކަމަށް ޔޫ.އެސް.އެއިޑްއިން ބުނެފައިވެއެވެ.
އާ އޮފީހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކަންކަމާއި، ތިމާވެށީގެ ކަންކަން އަދި އިޖުތިމާއީ ތަރައްގީއަށް އިސްކަންދޭ ކަންކަމާ އެއްގޮތަށް ދެމެހެއްޓެނިވި ނަތީޖާތަކެއް ހޯދައިދިނުމަށް ބާރެއް ލިބިގެންދާނެކަމަށް ޔޫ.އެސް.އެއިޑް އިން ބުނެފައިވެއެވެ.
ރާއްޖެއާއި އެމެރިކާއިން ކުރިމަގަށް ގެންގުޅޭ ތަޞައްވަރުގައި އެއްގޮތް ކަންތައްތަކެއް ވާކަން ޔޫ.އެސް.އެއިޑްއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން މިއަހަރު ރާއްޖޭގައި ރަސްމީކޮށް އެމެރިކާ އެންބަސީއެއް ގާއިމް ކުރެވި އެމެރިކާއިން ރާއްޖެއަށް އެންބެސެޑަރަކުވެސް އައްޔަންކޮށްފައިވެއެވެ. ހަމައެފަދައިން، އެމެރިކާގައިވެސް ރާއްޖޭގެ އެންބަސީއެއް އަލުން ގާއިމް ކުރެވި އެންބެސެޑަރެއް އައްޔަންކޮށްފައިވެއެވެ.
ޔޫ.އެސް.އެއިޑްއިން މައިގަނޑުގޮތެއްގައި އެހީތެރިކަން ފޯރުކޮށްދޭނީ
ރާއްޖެއަކީ އިންޑޯ ޕެސިފިކް ސަރަހައްދާއި، އދ.ގެ އިތުރުން ބައިނަލްއަގްވާމީ އެހެން ފޯރަމްތަކުގައި ވެސް އެމެރިކާއަށް އަގުހުރި ބައިވެރިއެއްކަމާއި ޔޫ.އެސް.އެއިޑް އިން ރާއްޖެއާއެކު ކުރިއަށް ގެންދާ ވަރުގަދަ ޕާޓްނަޝިޕަކީ، ގުޅިފައިވާ، ތަނަވަސް، ކެތްތެރި، ރައްކާތެރި، މިނިވަން އަދި ހުޅުވިފައިވާ އިންޑޯ-ޕެސިފިކްއެއް ކަމަށް ޔޫ.އެސް.އެއިޑް އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.