ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އާ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ ވެލާނާ އެއާޕޯޓު އަންނަ ސެޕްޓެމްބަރު މަހަށް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމަށެވެ.
އަދި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓަލް އެންޑް ކަލްނަރީ ސްކޫލެއް ރާއްޖޭގައި ގާއިމުކުރުމާއި، ރާއްޖޭގައި ހިމާޔަތްކުރެވިފައި ހުރި އާސާރީ ތަންތަނަށް ހަދައި އިންފްރާސްޓްރަކްޗާ ކަނެކްޓިވިޓީ ގެނެސް ފަތުރުވެރިކަން ރަނގަޅުކުރަން ރައީސް ބޭނުންފުޅުވާ ކަމަށެވެ.
ވެލާނާ އެއަރޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތްތައް ރައީސް ޑރ. މުއިއްޒު ބައްލަވާލެއްވުން-- ފޮޓޯ/ ދިޔަރެސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއު ހަލުއިކޮށް ނިންމުމަށް 1.2 ބިލިއަން ރުފިޔާގެ އެހީތެރިކަމެއް ދިނުމަށް ޔުނައިޓެޑް އަރަބި އެމެރޭޓްސްއިން މި މަހު ވަނީ ނިންމާފަ އެވެ.
ޔޫއޭއީއިން އެ އެހީތެރިކަން ދިނުމަށް ނިންމާފައިވާކަން އެ ގައުމުން ހާމަކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން މި މަހު 6 ގައި އެ ޤައުމަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައެވެ.
ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާފައި އޮތީ އެއާޕޯޓުގެ މަޝްރޫޢު ނިމޭނީ 2025 ވަނަ އަހަރު ކަމަށެވެ. ނަމަވެސް ރައީސް ޑރ.މުޢިއްޒު މީގެ ކުރިންވެސް ވަނީ އެ މަސައްކަތް 2024 ވަނަ އަހަރުގެ ޕީކް ސީޒަން ފެށެންވާއިރަށް ނިންމުމަށް މަސައްކަތްކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.
އެގޮތުން އެ މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް އާ ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.