Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ ޙުސައިން ޝަމީމް

ޝަމީމް އަށް ތުހުމަތުވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައިފި

ނިމިދިޔަ ސަރުކާރުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަންކުރައްވާފައި ހުންނެވި ހުސައިން ޝަމީމަށް ތުހުމަތުވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އޭސީސީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށް ވެސް އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލައިގެ ކޮޕީއެއް "ދިޔަރެސް" އަށް ވަނީ ލިބިފަ އެވެ. އެ މައްސަލައިގައި ވަނީ ޝަމީމްގެ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމުގެ މައްސަލަތަކަކާއި، ނުފޫޒު ބޭނުންކޮށްގެން ދައުވާ ނުކުރަން ނިންމި މައްސަލަތަކުގެ އިތުރުން އޭނާގެ ދީނަށް ފުރައްސާރަ ކުރުމުގެ ގިނަ މައްސަލަތަކެއް ވެސް ފާހަގަކޮށްފަ އެވެ.

މުވައްޒަފުންގެ މެދުގައި ތަފާތުކުރުން:

އެ މައްސަލައިގައި ބުނާ ގޮތުން ޝަމީމަކީ މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑަށް ތާފާތުކުރުން ގެންގުޅޭ ބޭފުޅެއް ކަމަށް ޕީޖީ އޮފީހުގެ ގިނަ މުވައްޒަފުން ގަބޫލުކުރެ އެވެ.
އެގޮތުން އެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ޕްރޮސިކިއުޓަރުންނަށް ބެހުމައިގައާއި، މުވައްޒަފުން މަސައްކަތްކުރަންޖެހޭ ޔުނިޓްތައް ކަނޑައެޅުމުގައާއި، ޓްރެއިނިންތަކަށް މުވައްޒަފުން ހޮވުމުގައި އަދި އެ އޮފީހުން އެކި މުވައްސަސާތަކަށް ޓްރެއިނިންތައް ނަގައިދޭނެ ޕްރޮސިކިއުޓަރުން ހޮވުމުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބުނެފައިވެ އެވެ.
މައްސަލައިގައި ވާގޮތުން، މިވަގުތު ޕްރޮސިކިއުޓަރުން ކަންބޮޑުވުން ފާޅުކުރައްވާ އެއްކަމަކީ، "ސްޓަޑީ ޓުއަރ" އެއްގެ ނަމުގައި ޝަމީމްގެ އެންމެ "ފެވަރިޓް" ޕްރޮސިކިއުޓަރުން ގޮވައިގެން 18 ވަރަކަށް ދުވަހަށް ޔުނައިޓެޑް ސްޓޭޓްސްއަށް ފުރައިވަޑައިގަންނަވާތީ އެވެ.
އެ ޓުއާގައި ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮސެކިއުޓަރުންގެ ތެރެއިން ފަރަހަނާޒް މުޙައްމަދު ދީދީ އަދި ކާމިލާ ހުސައިންއަކީ ޝަމީމްގެ އެދިވަޑައިގެންނެވުމުގެ މަތިން ގާނޫނާއި ޕީޖީ އޮފީހުގައި މައްސަލަތަކުގައި އަމަލުކުރައްވަމުންދާ އުސޫލުތަކާ ހިލާފަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީގެ ވަހީދުގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަ ފެއިލް ކޮށްލެއްވުމުގައި އުޅުއްވި ދެ ވަކީލުން ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކާމިލާ ހުސައިންއަކީ މީގެ ކުރިން ޕީޖީ ޝަމީމްގެ ލޯ ފާމްގައި މަސައްކަތްކުރައްވާފައިވާ ޕީޖީ ޝަމީމްއާ ޒާތީ ގުޅުމެއް އޮންނަ ޕްރޮސިކިއުޓަރެއް ކަމަށް ބުންޏެވެ. އަދި ޝަމީމް ކުރީގެ ނައިބްރައީސް، އަޙްމަދު އަދީބްގެ ދިފާޢީ ވަކީލުގެ ގޮތުގައި މަސައްކަތްކުރެއްވިއިރު، އެ މައްސަލައަށް މުހިންމު ހެއްކެއްކަމުގައިވާ އަދީބް އެވަގުތު ގެންގުޅުއްވި ފޯނު ޕީޖީ ޝަމީމްގެ އިރުޝާދާ އެއްގޮތަށް ތަހުގީގުކުރާ އިދާރާތަކަށް ފޮރުވުމުގައި އެހީތެރިވެފައިވާކަމުގެ ތުހުމަތުވެސް ކާމިލާއަށް ކުރެވެ ކަމަށް މައްސަލައިގައި ބުންޏެވެ.
ޝަމީމް މަޤާމާ ޙަވާލުވި ފަހުން ކުރިއަރާފައިވާ ހުޅަނގުގެ ގައުމުތަކަށް ޓްރެއިނިންއަށް މުވައްޒަފުން ފޮނުއްވުމުގެ ފުރުޞަތު ލިބުނު ގިނަ ފަހަރުތަކުގައި މިއުޗުއަލް ލީގަލް އެސިސްޓެންސްގެ މަސައްކަތް ކުރެއްވުމަށް އެ އޮފީހުން ކަނޑައަޅުއްވާފައިވާ ވަކީލަކީ ނީޝާން ވަޙީދުކަމަށް ވިދާޅުވެ އެ ދާއިރާގެ ހުރިހާ ޓްރެއިނިންގ ތަކަކަށާއި ބައްދަލުވުންތަކަށް ހުޅަނގުގެ ގައުމުތަކަށް ނީޝާން ވަޑައިގެންފައިވާއިރު، ޙަޤީޤަތުގައި އެމް.އެލް.އޭ ފޯކަލް ޕޮއިންޓުގެ ގޮތުގައި ނީޝާންއާ ކުރުމަށް ޙަވާލުކޮށްފައިވާ ގިނަ މަސައްކަތް ނިންމާފައި ނުވާކަމުގެ ޝަކުވާ ވަކީލުން ކުރާ ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ.
ނަމަވެސް ޝަމީމް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅުއްވަ އެވެ. ނީޝާންގެ ބަފައިބެއަކީ، އެމް.ޑީ.ޕީއަށް ނިސްބަތްވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ކަމުން، ސަރުކާރު ރުއްސަން، ސަރުކާރުގެ އިސްވެރިންނާ ގުޅުންހުރި މީހުން ހިތްހަމަޖެހޭ ގޮތަށް ކަންތައް ކުރެއްވުމަށްޓަކައި ޝަމީމް މިފަދަ ގިނަ ކަންތައްތަކެއް ކުރައްވާ ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ސްޓަޑީ ޓުއާގައި ގެންދަން ނިންމާފައިވާ ވަކީލުންގެ ތެރޭގައި ހިމެނޭ މަރްޔަމް ޝަހުމާއާއި، އައިމިނަތު ޝާމާ ނަޞީރުއާއި، ޙުސައިން ސާމީއާއި، އީނާ މޫސާއާއި، މުޙައްމަދު ޢާލިމްއަކީ އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލަތަކުގައި މަސައްކަތްކުރައްވާ ވަކީލުންކަން ފާހަގަކުރި އެވެ.
"އެމް.އެމް.ޕީ.އާރު.ސީގެ މައްސަލަތަކުން ތަނާޒުލްވެފައިވާ ކަމަށް ތަކުރާރުކޮށް ޝަމީމް މީޑިއާގައި ވިދާޅުވާނަމަވެސް، މީގެ ކުރިން އެމް.އެމް.ޕީ.އާރު.ސީ ޓީމުގައި އުޅުއްވި ވަކީލުންވެސް އަދި މިހާރު އެ ޓީމުގައި އުޅުއްވާ ވަކީލުންވެސް، އެ މައްސަލަތަކުގައި ކޮންމެ ފިޔަވަޅެއް އެޅުއްވުމުގެ ކުރިން، ޕީޖީ ޝަމީމްގެ ކޮޓަރިކޮޅުގައި ކޮންމެ ދުވަހަކުވެސް ގިނަ ވަގުތުތަކެއް ހޭދަކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސް، މައްސަލައިގައި އަޅުއްވާ ކޮންމެ ފިޔަވަޅެއް އަޅުއްވަނީ ޝަމީމްގެ ލަފައާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ ޕީޖީ ޝަމީމްގެ އެދިވަޑައިގެންނެވުމަށް، ރައީސް ޔާމީން މައްސަލައަށް ހާޟިރުނުވާން، އެހަކަށް ދުވަހަކު އައްޑޫ ސިޓީއަށް ވަޑައިގެންފައިވާ ބޭފުޅުންތަކެކެވެ،" މައްސަލައިގައި ބުނެފައިވެ އެވެ.
އެދުވަހުގެ ޝަރީޢަތުގައި ޕީޖީ އޮފީހުން ބައިވެރިވެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން އިދާރީ ގޮތުން ޕީޖީ އޮފީހަށް ގުޅައި، ހާޟިރުނުވެއްޖެނަމަ ވަކީލުންނާމެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވުމުންނެވެ.
ޕީޖީ ޝަމީމްއަށް ނުފޫޒު ފޯރުވޭ އެ ބޭފުޅާގެ ހިތްޕުޅާވާ ބައެއް ވަކީލުން، ގްރޫޕް ގްރޫޕަށް މިދިޔަ ރަމަޟާންމަހު ޕީޖީ ޝަމީމްގެ ގެކޮޅަށް ރޯދަވީއްލުމަށް ގެންދެވި ބީދައިން، ސްޓަޑީ ޓުއަރ އަކީ ޕީޖީ ޝަމީމްގެ ދައުރު ނިމޭތީ، އެބޭފުޅާގެ ފޭވަރިޓުންނަށް، ދައުލަތުގެ ހަރަދުގައި ދެއްވާ ވޯލްޑް ކްލާސް ފެއަރވެލްއެއް ކަމަށް ގިނަ މުވައްޒަފުން ފާހަގަ ކުރާ ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ.ޕީޖީ އޮފީހުގެ ވަކީލުން މަޢުލޫމާތު ދެއްވާ ގޮތުގައި، އެ ޓުއާ އަށް ދިޔުމަށް ވަކީލުން ހޮވާފައިވަނީ ކިހިނެއްކަމެއް ނޭނގެއެވެ.

ޝަމީމްއާއި، އެ އޮފީހުގެ ބައެއް އަންހެން ޕްރޮސިކިއުޓަރުންނާ އޮންނަ ގުޅުން:

މައްސަލައިގައި ބުނި ގޮތުގައި ޕީޖީ ޝަމީމްއާއި، އެ އޮފީހުގެ ބައެއް އަންހެން ޕްރޮސިކިއުޓަރުންނާ އޮންނަ ގުޅުމަކީ، އޮފީހެއްގެ ވެރިއަކަށް ހުންނަ މީހަކާއި، އެތަނެއްގެ އަންހެން މުވައްޒަފުންނާ އޮންނަން ނުޖެހޭ ގާތް ގުޅުންތަކެކެވެ.
އެގޮތުން، ޕްރޮސިކިއުޓަރގެ ބިއުރޯގެ ނަމުގައި ޕީޖީ ޝަމީމް ގަޔާވާ ޕްރޮސިކިއުޓަރުން ގެންގުޅުމާއި، އެ މުވައްޒަފުންނަށް ޓްރެއިނިންގ ތަކުގެ ފުރުޞަތު ދިނުމާއި، އެބޭފުޅާ ވަޑައިގަންނަވާ ބައްދަލުވުންތަކަށް ގެންދެވުމުގެ އިތުރުން، އެ ޕްރޮސިކިއުޓަރުން ގޮވައިގެން މާފުއްޓަށާއި، މާލޭގެ ގެސްޓްހައުސްތަކަށް ގެންދިޔުމުގެ އިތުރުން، ގެންދާ ޕްރޮސިކިއުޓަރުންނާއެކު ޕާޓީ ކުރުމަކީވެސް ޢާއްމު ކަމެއް ކަމަށް އެ ޕްރޮސިކިއުޓަރުންގެ ގާތް މީހުންނަށް ކިޔައިދީފައިވާ ކަމަށް ބުންޏެވެ.

ކޮރަޕްޝަންގެ ތެރެއިން ދަޢުވާނުކޮށް ފައިލްކުރަން ޝަމީމް ނިންމި ބައެއް މައްސަލަތައް:

  • - ވެންޓިލޭޓަރ މައްސަލަ؛
  • - ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިމީހާގެ މައްޗަށް ތުހުމަތުކުރެވުނު "ރޯޔަލް ރޭޕް" މައްސަލަ؛
  • - ދުވާފަހު ޚިޔާނާތުގެ މައްސަލަ؛
  • - ހިއުމަންޓްރެފިކިންގެ ދަޢުވާކުރި މެންބަރު ރިޒާގެ މައްސަލަ؛
  • - ކުރީގެ ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޚްލޫފުގެ މައްޗަށް އެމް.އެމް.ޕީ.އާރު.ސީ މައްސަލައާ ގުޅިގެން ކުރި ދަޢުވާ؛
  • - މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން 72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރި މައްސަލައާއި، ބިންގަރާހުގައި މަސްތުވާތަކެތި ފޮރުވި މައްސަލައާއި، ކަނޑުމަގުން ރާއްޖެއިން ބޭރު ބަޔަކު މަސްތުވާތަކެތި އެތެރެކުރި ދެ މައްސަލައާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދުގެ ޖިންސީ ގޯނާގެ މައްސަލައާއި، އެފްސީޕީޑީ މުވައްޒަފުންތަކެއްގެ ޓޯޗަރ ދެ މައްސަލައާއި، މަރު ކޮމިޝަނުން ތަޙްޤީޤުކުރި ރިޟްވާން އަދި ޔާމީން ރަޝީދުގެ މައްސަލަ.
އޭގެ އިތުރުން، ޝަމީމް ޕީޖީގެ މަޤާމުން ވަކިކުރުމުގެ ވާހަކަ މީޑިއާގައި ދެކެވޭ ކޮންމެ ފަހަރަކު، އެ އޮފީހުގެ ބްރީފިންގައި، ރައްޔިތުންގެ މަޖިލީހަށް އެބޭފުޅާ ހާޟިރު ނުކުރާނެ ކަމަށާއި، ދައުރު ހަމަވުމުގެ ކުރިން ވަކި ނުކުރާނެ ކަމަށާއި، ނޫސްވެރިން ކިތަންމެ ވަރަކަށް އުޅުނަސް، އަދި ޕީޖީ އޮފީހުގެ ބައެއް ވަކީލުން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުން އެބޭފުޅާ ޖަވާބުދާރީ ނުކުރުވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ބުނެ ވާހަކަދައްކާފައިވާ ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ.
މީގެކުރިންވެސް ޕީޖީ ޝަމީމް މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުއްވާ ކަމުގެ ވާހަކަތައް ވަނީ ޚަބަރުތަކަށް އަރާފައެވެ.
އެހެންކަމުން، ޕީޖީ ޝަމީމް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި، ދައުލަތުގެ ޚަރަދުގައި ހިންގާ ރާއްޖެއިން ބޭރަށް ވަކީލުން ފޮނުވާ ޓްރެއިނިންތަކަށާއި، ރާއްޖެއިން ބޭރުގެ ޖަމިއްޔާ ޖަމާޢަތްތަކުން ޕީޖީ އޮފީހަށް ދޭ ތަމްރީނު ޕްރޮގްރާމްތަކަށް ޕީޖީ ޝަމީމްއާ ގާތް ގުޅުން އޮންނަ ވަކި ޕްރޮސިކިއުޓަރުންތަކެއް ފޮނުއްވުމުގައި އެބޭފުޅާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ވަކި ބަޔަކަށް ހޯދައިދެމުން ގެންދާތީ، މިއީ ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ހިންގަމުންދާ ޢަމަލުތަކެއް ކަމަށްވާތީ، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އޭސީސީގައި އެދިފައިވެ އެވެ.
އޭގެ އިތުރުން، ބައެއް މައްސަލަތައް ޕްރޮކިއުޓަރ ޖެނެރަލް ކުރިއަށް ނުގެންގޮސް ފައިލްކޮށްފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރުމަށް ވާޖިބު ކޮށްފައިވާ މަސްއޫލިއްޔަތާއި ޚިލާފަށް ކަމަށްވާތީ، އެ މައްސަލަތައް ފައިލްކުރުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް ވަނީ އޭސީސީގައި އެދިފަ އެވެ.

ޕީޖީ އޮފީހުގެ ބްރީފިންތަކުގައި ޝަމީމް އިސްލާމް ދީނަށް ފުރައްސާރަކުރުން:

އެ މައްސަލައިގައި އިތުރަށް ބުނެފައިވާ ގޮތުގައި ޝަމީމް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންވި ހިސާބުން ފެށިގެން ދަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ތަފާތު އެކި ވާހަކަތައް އެ އޮފީހުގެ ބްރީފިންގައި ދައްކަމުންނެވެ.
އެގޮތުން ދައްކާފައިވާ ބައެއް ވާހަކަތަކުގެ ތެރޭގައި، ރަމަޟާންމަހުގައި ތަރާވީސް ނަމާދު ކުރާއިރު ގެކައިރީގައި ހުންނަ ދެ މިސްކިތުން ބާރަށް ޤުރުއާން ކިޔެވުމުން ހީވަނީ މައްކާގައި ތިބެނީ ކަމަށާއި، މިސްކިތްތަކުގައި ޤުރުޢާނަކީ ބާރައް ކިޔަވަން ޖެހޭ އެއްޗެއް ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އަދި ޤުރުޢާނަކީ ގިނަ ގިނައިން ކިޔަވަންވީ އެއްޗެއް ނޫން ކަމަށާއި، ކޮންމެ ދުވަހަކު އާޔަތެއްގެ މިންވަރު ކިޔެވުމުން ފުދޭނެ ކަމަށާއި، ރަމަޟާންމަހާ ދިމާކޮށް، ގިނައިން ޤުރުޢާން ކިޔެވުމަކީ ދިވެހިން ކުރާ ކަމެއް ނަމަވެސް، އެއީ އެކަން އޮންނަންވީ ގޮތް ނޫންކަމަށް ޝަމީމް ވިދާޅުވި ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ.
ރަމަޟާންމަހު ތަރާވީހަށް މިސްކިތަށް ދިޔުމަކީ އެބޭފުޅާއަށް ނުވިސްނޭ ކަމެއް ކަމަށް ބުނެ އެކަމަށް ޖޯކުޖަހާ ހީ ހެދުމުގެ އިތުރުން ރަމަޟާންމަހު ފަހު ދިހައިގައި އުމްރާއަށް ދިޔަ ޕްރޮސިކިއުޓަރަކާ ދިމާއަށް މައްކާއަކީ ދެން ދާވަރު ތަނެއްތޯ ބުނެ ވާހަކަ ދައްކާފައިވާ ކަމަށް ވެސް މައްސަލައިގައި ބުންޏެވެ.
އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި، އިސްލާމް ދީނަކީ މާކުރީގެ ދީނެއްކަމަށާއި، ދީނުގެ ކަންކަން މޮޑިފައި ކުރަންޖެހޭ ކަމަށާއި، އޭނަގެ ބޭނުމަކީ އިސްލާމްދީން މޮޑިފައި ކުރުން ކަމަށާއި، އޭނާގެ އިސްލާމްދީނަށް ތަބާވާ ބަޔަކު އުޅޭ ކަމަށް ޝަމީމް ބުނެފައިވެ އެވެ.
"އަދި ޤުރުޢާނަށް ޖޯކު ޖެހުމުގެ ގޮތުން، މޫސާގެފާނުގެ އަތުގައި އޮތީ ކޮންއެއްޗެއްތޯ ޤުރުޢާނުގައި އޮތްކަމަށް ބުނެ ހީ ހަދާފައިވެއެވެ. އަދި ބަދު އަޚްލާޤީ ޢަމަލު ހިންގާ ވަގުތުގައާއި، ޒިނޭ ކުރާ ވަގުތު އެކަންކުރާ މީހާ ދީނުން ބޭރުވާ ކަމަށާއި، އެކަން ނިމުމުން، އަލުން ދީނަށް ވަދެވޭކަމަށާއި، ކުށް ކުރާއިރު މީހާ ދީނެއްގެ މަތީގައި ނުހުންނާނެ ކަމަށް ބުނެ ބަދު އަޚްލާޤީ ޢަމަލު ހިންގުމަށް ހިތްވަރުދޭން ތަކުރާރުކޮށް މަސައްކަތް ކޮށްފައިވެއެވެ،" ޝަމީމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އޭނާއަށް ގިނަ ތުހުމަތުތަކެއް ކޮށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ދީނީ ކަންކަމަށް ފަންޑުކުރާ ޖަމިއްޔާތަކަކީ ޓެރަރިޒަމްއަށް ފަންޑުކުރާ ބައެއްކަމަށް ބުނެ، އައިއޭސީ، ސަލަފް އަދި އެހީ ޖަމިއްޔާފަދަ ޖަމިއްޔާތައް ހިންގުމުގެ ފުރުޞަތު ނުދޭނެ ކަމަށާއި، އެ ތަންތަނުގެ މައްސަލަ ބެލުމަށް، ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓަށް ޝަމީމް އެންގި ކަމަށް ވެސް މައްސަލައިގައި ބުނެފައިވެ އެވެ.
މި ލިއުމާއި ގުޅޭ