އައްޑޫސިޓީގައި މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިޔަށް ގެންދިޔަ ހާއްސަ 2 އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާ ތަކެއްޗާއިއެކީ 9 މީހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ހައްޔަރުގެ ދަށަށް ގެންގޮސްފައިވަނީ، 8 މީހުންގެ ގުރޫޕަކާއި އިތުރު މީހެކެވެ.
ފޭދޫގައި ހިންގި އޮޕަރޭޝަނުގައެވެ 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލާ ފާސްކޮށްފައެވެ.
އެ އޮޕަރޭޝަނުގައި ފުލުހުން ބަލާ ފާސްކުރި ގޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 7 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 4 ދަޅު އަދި ކަރުދާސްކޮޅެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ނޮވެމްބަރު 16ގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޯށްފައިވަނީ އުމުރުން 20 އަހަރުގެ މީހަކާއި، 26 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި، 30 އަހަރުގެ މީހަހާއި، 31 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހަކާއި، 36 އަހަރުގެ މީހަކާ އަދި 45 އަހަރުގެ މީހެކެވެ.
މީގެ އިތުރުންވެސް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 8 މީހުންގެ ގުރޫޕުގެ ތެރެއިން އެކެކާއި ގުޅުންހުރި އެހެން ގެއެއްގައިވެސް މަސްތުވާތަކެތި ގެންގުޅޭކަމަށް ބުނެ މައުލޫމާތު ލިބުމުން، ޖެހިގެން އައި ދުވަހު އެ ގެ ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 3 ރަބަރު ޕެކެޓު އެ ގޭގެތެރެއިން ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން މިމަހުގެ 15ވަނަ ދުވަހުވެސް ފުލުހުން އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެންނެވެ. އެ އޮޕަރޭޝަނުގައި ބޯއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ހަތަރު ދަޅާއި، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. އެ މައްސަލައިގައި ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި 2 މައްސަލަ ވެސް އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.