އިމިގްރޭޝަން ކޮންޓްރޯލާ ކަމަށް މުހައްމަދު ޝަމްއާން އައްޔަން ކުރައްވައިފިއެވެ.
މީގެކުރިން އިމިގްރޭޝަންގެ ކޮންޓްރޯލާ ކަމުގެ މަގާމުގައި ހުންނެވީ މުހައްމަދު އަހުމަދު (ހަނަފީ) އެވެ.
ޝަމްއާނަކީ މީގެ ކުރިން އިމިގްރޭޝަނުގެ މަގާމެއްގައި ހުންނަވަނިކޮށް، ނިމިދިޔަ ސަރުކާރުން ވަޒީފާއިން ވަކި ކުރި ބޭފުޅެކެވެ. ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރުމަށް ގާއިމްކުރި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ވޮލެންޓިއާ ކުރުމަށް ދެކޮޅު ހެދި ކަމަށް ބުނެ 2021 ވަނަ އަހަރު އޭނާ ވަނީ އިމިގްރޭޝަންގެ މަޤާމުން ވަކިކޮށްފައެވެ. ނަމަވެސް ފަހުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ އަށް އަނބުރާ ވަޒީފާ ދިނުމަށް ހުކުމްކޮށްފައެވެ.
ޝައްމާން އޭރު ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާތީ ކަމަށާއި އަދި އޭނާގެ ސްޓޫޑެންޓް ލޯން ވެސް ސަރުކާރުން ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމުގައި ސަރުކާރުން އޭނާ ކިޔަވަން ހަމަޖައްސައިދީފައިވާ ސްޓޫޑަންޓް ލޯން ސިޔާސީ ލީޑަރަކަށް ތާއީދު ކުރާ ކަމަށް ލޭބަލްކޮށް ކެންސަލްކޮށް، ކިޔަވަމުން ގެންދިޔަ މާސްޓަރސް ޕްރޮގްރާމުން ކެނޑި އެނބުރި ގައުމަށް އައިސް އޮފީހަށް ނިކުތުމަށް މަޖުބޫރުކޮށް، އޮފީހަށް ނިކުތުމުން މަސައްކަތާއި ގުޅުމެއްވެސް ނެތް އިދާރާ އަކަށް (އެޗްއީއޯސީ)އަށް ގަދަ ކަމުން ބަދަލުކުރިކަމަށް އޭނާ ވަނީ މީޑީޔާތަކަށް އޭރު މައުލޫމާތު ދެއްވާފައެވެ.