Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތިލަމާލެ ބްރިޖު

ތާވަލުގައިވާ ގޮތުން ބުރިޖުގެ 77 އިންސައްތަ ނިންމަން އޮތަސް ނިމުނީ 27 އިންސައްތަ

ތިލަމާލެ ބުރިޖުގެ މަސައްކަތުގައި 77 އިންސައްތަ މަސައްކަތް ނިންމަން ތާވަލުކުރި ނަމަވެސް މިހާތަނަށް އެ މަސައްކަތުން ނިމިފައިވަނީ އެންމެ 27 އިންސައްތަ މަސައްކަތްކަން އައު ސަރުކާރުން ހާމަކޮށްފިއެވެ.

ފާއިތުވި ފަސް އަހަރުގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފެށި އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާ ވިލިމާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅުވައިލާ ބުރިޖުގެ މަސައްކަތެވެ.

ރައީސް އިބްރާހީމް ތަކުރާރުކޮށް ވައުދުވެވަޑައިގެންފައިވަނީ އޯގަސްޓު މަހުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅުވައިލާ ބައިގެ މަސައްކަތް ނިންމަވާނެ ކަމަށެވެ. ނަމަވެސް ޖޫން މަހުގެ ތެރޭގައި އެމަނިކުފާނުގެ ނޭޝަނަލް ޕްލޭނިން، އިންފްރަސްޓްރަކްޗާ އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމުވަނީ އެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްނުދާކަމަށް އެއްބަސްވެވަޑައިގެންފައެވެ.

ބުރިޖުގެ މަސައްކަތަކީ 500 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫޢަކަށްވާއިރު އެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން ލޯނު ފައިސާއެވެ. 3.6 ކިލޯމީޓަރުގެ ދިގު ބުރިޖުގެ މަސައްކަތުގެ ތާވަލު ހޯދުމަށް "ދިޔަރެސް"އިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދުމުން ސަރުކާރުންވަނީ އެ މައުލޫމާތު ދިނުމަށް އިންކާރުކޮށްފައެވެ.

ބުރިޖުގެ މަސައްކަތާ ގުޅޭ އަދާހަމަ މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުޙައްމަދު ފިރުޒުލް ވިދާޅުވީ މިހާތަނަށް ބުރިޖުގެ 77 އިންސައްތަ މަސައްކަތް އޮންނަންޖެހޭނީ ތާވަލާ އެއްގޮތަށް މަސައްކަތް ދިޔަނަމަ ނިމިފައި ކަމަށެވެ.

ނަމަވެސް މިހަތަނަށް ނިމުނީ އެންމެ 27 އިންސައްތަ މަސައްކަތްކަން ފާހަގަކުރައްވައި ފިރުޒުލް ވިދާޅުވީ މިހާރު ސަރުކާރުން މަސައްކަތްކުރަނީ ބުރިޖުގެ މަސައްކަތް ލަސްވި ސަބަބުތައް ދެނެގަތުމަށް ކަމަށާއި، އެއިރުން ދެން މަސައްކަތް ނިމޭނެ ތާރީޚެއް ވިދާޅުވާން ފަސޭހަވާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ