Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ އަދަދު ހާމަކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އިންޑިއާއާއެކު ހަދާފައިވާ އެކި އެއްބަސްވުންތަކުގެ އަދަދު ދިވެހި ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕޮލިސީ އަންޑާ ސެކްރެޓަރީ މުޙައްމަދު ފިރުޒުލް ވިދާޅުވީ މިހާތަނަށް އެއްކުރެވުނު މައުލޫމާތަށް ބަލާއިރު ރާއްޖޭގައި އިންޑިއާ ސިފައިންގެ 77 މީހުން ޤާއިމުވެގެން ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް އެއްކުރެވުނު މައުލޫމާތަށް ބަލާއިރު އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ޤާއިމުވެގެން ތިބިކަން ފާހަގަކުރަން. މީގެ ތެރޭގައި އެއް ހެލިކޮޕްޓަރު ދުއްވުމަށް 24 ސިފައިން ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް 25 ސިފައިން އަދި ދެވަނަ ހެލިކޮޕްޓަރެއް ދުއްވުމަށް 26 ސިފައިން އަދި މިއަދަދުތަކުގެ އިތުރަށް 2 ސިފައިން މެއިންޓެނެންސް އަދި އިންޖިނިއަރިން މަސައްކަތްތަކުގައި ބައިވެރިވެ އެބައުޅޭ،" ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ ސިފައިންގެ އަދަދުގެ އިތުރަށް ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ދޭދޭ ޤައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހުރި އެފަދަ މާއްދާތައް އުނިކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އިންޑިއާއާއެކު ދެޤައުމުގެ މެދުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ގޮތުގައި އިންޑިއާއެކު 5 އަހަރު ތެރޭގައި 100 އަށްވުރެ ގިނަ އެއްބަސްވުން ހެދިފައިވާ ކަމަށެވެ.

އިތުރަށް ފިރުޒުލް ވިދާޅުވީ މި 100 އަށްވުރެ ގިނަ އެއްބަސްވުމުގެ ތެރޭގައި އިންޑިއާގެ އެހީތެރިކަމުގައި ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރުޢުތަކާ ގުޅިގެން ވެވިފައިހުރި އެއްބަސްވުންތައް ނުގުނުއްވާ ކަމަށެވެ.

"ޕްރޮޖެކްޓުތައް ހިންގުމަށް ވެވިފައިވާ އެއްބަސްވުންތައް ނުހިމަނާ، ސަތޭކައަށްވުރެ ގިނަ އެއްބަސްވުން ވެވިފައިވޭ އިންޑިއާއާއެކު ފާއިތުވި ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި. މިއީ ވަރަށް ބޮޑު އަދަދުތަކެއްކަން ފާހަގަކުރަން،" ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރުތަކާއި ޑޯނިއާއިން ކުރި މަސައްކަތުން ފައިދާތަކެއް ދިވެހިންނަށް ލިބުނު ނަމަވެސް އެތަކެއްޗާއެކު ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަށް ދިވެހިން ނޭދޭ ކަމަށެވެ. އަދި ދިވެހިންގެ ނިންމުމާ އެއްގޮތަށް ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ނެތްކަން ކަށަވަރުކުރެއްވުމުގެ މަސައްކަތް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިހާރު ފައްޓަވާފައިވާ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އަދި އެއްބަސްވުންތަކުގައި ހުރި ކަންކަން ދިރާސާކުރަން ބަލާއިރު ސަތޭކައަށްވުރެ ގިނަ އެއްބަސްވުމަކީ ދިރާސާކުރަން ބަލާއިރު ކުޑަ އަދަދެއް ނޫންކަން ފާހަގަކުރައްވައި ފިރުޒުލް ވިދާޅުވީ އެ އެއްބަސްވުންތައް ދިރާސާކުރުމުގެ މަސައްކަތަށް ވަގުތު ހޭދަވާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވަޑައިގެންނެވި މަންދޫބާއެކު ބައްދަލުކުރައްވައި ރައީސް ޑރ.މުޢިއްޒުވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފައެވެ.

މި ލިއުމާއި ގުޅޭ