މި މަހު 19 އިން 23 އަށް ކުރިއަށްދާ ވޯލްޑް އެންޓިމައިކްރޯބިއަލް އެވެއާނަސް ވީކް (ޑަބްލިއުއޭއޭޑަބްލިއު) ފާހަގަކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ނިންމައިފި އެވެ.
އެ ހަރަކާތް އޮންނާނީ 20 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 5:00 އިން 6:00 އަށް ޓްރީޓޮޕް ހޮސްޕިޓަލުގެ 5 ވަނަ ފަންގިފިލާގަ އެވެ.
ޑަބްލިއުއޭޑަބްލިއު އަކީ އެންޓިމައިކްރޯބިއަލް ރެސިސްޓެންސް (އޭއެމްއާރު) ގެ ނުރައްކާ އިތުރުވަމުންދާތީ އެކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
އޭއެމްއާރު އުފެދެނީ ބެކްޓީރިއާ، ވައިރަސް، ފަންގަސް އަދި ޕެރަސައިޓް ފަދަ މައިކްރޯއޯގެނިޒަމްސް، އެންޓިމައިކްރޯބިއަލް ބޭހުގެ އަސަރުތަކަށް ރެސިސްޓެންޓްވުމުގެ ސަބަބުންނެވެ. އޭގެ ސަބަބުން އިންފެކްޝަންތަކަށް ފަރުވާ ކުރަން އުނދަގޫވެ، ބަލި ފެތުރުމާއި، ސީރިއަސް ބަލިތަކާއި، މަރުވުމުގެ ފުރުސަތު ބޮޑުވެ އެވެ.
ޓްރީޓޮޕުން ކުރިއަށްގެންދާ އިންފޮމެޝަން ސެޝަންގެ ނަމަކީ "ވޯލްޑް އިންފެކްޗަންސް- ލެޓްސް ފައިޓް ޓުގެދާ އެންޓިބައޯޓިކް ރެސިސްޓެންސް" އެވެ. އެ ސެޝަންގައި މައުލޫމާތު ދޭނެ ޓޮޕިކް ތަކަކީ؛
• ވަށައިގެންވާ ޖަރާސީމުތައް
• ބަގްސް އާއި ޑްރަގްސް
• އެންޓިބަޔޮޓިކްސް އަކީ ކޮބާ؟
• އެންޓިބަޔޮޓިކް ރެސިސްޓެންސް އަކީ ކޮބާ؟
• އެންޓިބަޔޮޓިކް ރެސިސްޓެންސް މައްސަލައަކަށް ވަނީ ކީއްވެ؟
• މިކަން ހައްލުކުރުމަށް އެންމެން ގުޅިގެން ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
އެ ސެޝަނަކީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ސެޝަނެކެވެ. އެގޮތުން އޭއެމްއާރުއާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށާއި އެ ބަލި ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ޝައުގުވެރިވާ ކޮންމެ ފަރާތަކަށް ވެސް ޓްރީޓޮޕުން އެ ސެޝަނަށް ދައުވަތުދެ އެވެ. 3351610 އަށް ގުޅާލުމުން އެ ހަރަކާތާ ބެހޭ ގޮތުން އިތުރު މައުލޫމާތު ލިބޭނެ އެވެ.