ސަރުކާރުގައި ޗީފް އޮފް ޑިފެންސްގެ މަޤާމުގައި ހުންނެވީ ލެފްޓިނެންޓު ޖެނެރަލް ޢަބްދުﷲ ޝަމާލް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.
ތިރީސް ފަސް އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެއަށް ހިދުމަތްކުރައްވާފައިވާ ޝަމާލް، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ޑިސެމްބަރު 11، 2018 ގަ އެވެ.
އޭނާ އިއްޔެ މަގާމުން ރިޓަޔާ ކުރެއްވީ މިދިޔަ ހުކުރު ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރު ނިމި، އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމުންނެވެ.
ޝަމާލް ސިފައިންގޭގައި ހިދުމަތްކުރެއްވި 35 އަހަރުގެ ތެރޭގައި އޭނާ ވަނީ އެކި ރޭންކުތަކުގައި ހިދުމަތް ކުރައްވައިފަ އެވެ. އެގޮތުން ނިއުދުއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި ޑިފެންސް އެޑްވައިޒަރުގެ މަގާމާއި، މާލޭ އޭރިއާގެ ކޮމާންޑަރު ކަމާއި ޓްރެއިނިން އެންޑް ޑޮކްޓަރީން ކޮމާންޑަރުކަން އަދި މެރިން ކޯޕްސްގެ ކޮމާންޑަރުކަން ކުރެއްވި އެވެ.
ރައީސް ޑރ. މުއިއްޒު ޗީފް އޮފް ޑިފެންސްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގައި ކުރިން ހުންނެވި، މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އެވެ. އޭނާ ވަނީ 32 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެއަށް ހިދުމަތް ކުރައްވާފަ އެވެ.
އަބްދުއްރަހީމް ވެސް ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ކުރިން ފެތުރުނު ނަމަވެސް މަގާމުގައި ދެމިހުންނަވަން ފަހުން ނިންމެވީ އެވެ.