ރާއްޖޭގެ ފުޓުބޯޅަ މިހާރު ގޮސްފައިވާ ހާލަތަށް ދިޔައީ ސަރުކާރާ ދެމެދު މައްސަލަތަކެއް ޖެހުމާ ގުޅިގެން ރާވައިގެން ފުޓުބޯޅައަށް ގެއްލުންތަކެއް ދިނުމުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ތުހުމަތުކުރައްވައިފިއެވެ.
ފުޓުބޯޅަ އަކީ އެންމެ ގިނައިން ޚަރަދު ކުރާ ކުޅިވަރަށް ވީ ނަމަވެސް ފަހަކަށް އައިސް ރާއްޖޭގެ ފުޓުބޯޅަ ޓީމްތަކުން ހޯދައިފައި ވަނީ ދަށް ނަތީޖާތަކެކެވެ. އެސޯސިއޭޝަނުން ބާއްވާ ގިނަ މުބާރާތް ފައިސާގެ ދަތިކާމާއި ހެދި ހުއްޓިފައިވާ އިރު، އެފްއޭއެމަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ކުރެވިފައެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެ އިދާރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަން ކަމަށާއި ކުރިން ސަރުކާރު މެދުވެރިކޮށް ކުންފުނިތަކުން ކްލަބުތަކަށް ދެމުންދިޔަ ސްޕޮންސާޝިޕްތައް ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެފްއޭއެމުން ކްލަބުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހުނުކަމަށެވެ. އޭގެ ސަބަބުން މާލީގޮތުން ގިނަ ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ބައްސާމް ވިދާޅުވިއެވެ.
އެގޮތުން ޑިވެލޮޕްމަންޓް މަސައްކަތްތަކަށް ވެސް އެކަމުގެ ދަތިތައް ކުރަމުންދިޔަ ކަމަށެވެ. އެފްއޭއެމަށް ފައިސާ ލިބޭ ތަންތަނަކީ ފީފާ، އޭއެފްސީ އަދި ގާތް ގުޅުން އޮންނަ މެދު އިރުމަތީގެ އެކިއެކި އެސޯސިއޭޝަންތަކުންކަން ފާހަގަ ކުރެއްވިއެވެ.
މިދިޔަ ސަރުކާރު އައުމުގެ ކުރިން ރާއްޖެއިން ވަރަށް ގިނަ ސްޕޮންސާޝިޕް ލިބިގެންދިޔަ ކަން ފާހަގަ ކުރައްވައި ބައްސާމް ވިދާޅުވީ އެމްޑީޕީ ސަރުކާރު އައުމާއެކު އެ ހުރިހާ ކަމެއް ހުއްޓިގެން ދިޔަ ކަމަށެވެ. މައުލޫމާތު ލިބުނު ގޮތުން ސަރުކާރުގެކުންފުނިތަކަށް ސްޕޮންސާ ނުދިނުމަށް އަންގައި، އެފްއޭއެމް އަށް ސްޕޮންސާ ނުދިނުމަށް ބައެއް ކުންފުނިތަކަށް ރިކުއެސްޓް ކޮށްފައިވާ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.
"މިއީ ކަނޑައެޅިގެން އޭރު އަޅުގަނޑުމެންނާއި ކުޅިވަރު ވުޒާރާގެ ވަޒީރާ ޖެހުނު މައްސަލަތަކެއްގައި ރޭވިގެން ފުޓުބޯޅައަށް ދީފައި އޮތް ވަރަށް ބޮޑު ގެއްލުމެއް. އެ އުނދަގުލުގެ ތެރޭގައި އަޅުގަނޑުމެން މި ހަތަރު އަހަރު ތަހައްމަލުކުރީ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ އެދުމުގެ މަތިން އެފްއޭއެމް ހައުސްއަށް ފުލުހުން ވަދެ، ތަހުގީގަށް ބައެއް ތަކެތި ވަނީ ގެންގޮސްފައެވެ. އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންއާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ޙީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަހުގީގުކޮށްދެއްވައި، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވުމަށް ޕީޖީން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.
އެކަމާގުޅިގެން ބައްސާމް ވިދާޅުވީ އެފްއޭއެމަށް ލިބޭ އެއްވެސް ފައިސާއެއް އޭނާގެ އަމިއްލަ އެކައުންޓަށް ވަދެފައެއް ނުހުންނާނެ ކަމަށާއި ފީފާ އާއި އޭއެފްސީން ދޭ ފައިސާއަކީ އެ އިދާރާތަކުން ގަވާއިދުން އޮޑިޓްކުރާ ފައިސާތަކެއް ކަމަށެވެ. އަދި އެންމެ ފަހުން މިދިޔަ ޖޫން މަހު ފީފާ އާއި އޭއެފްސީން ހެދި އޮޑިޓްތަކުން ވެސް އެފަދަ ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.