Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަމާ ބެހޭ ވުޒާރާ

އައު ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރުކަމަށް ފައިސަލް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލެއްވި ކެބިނެޓުގެ ޓުއަރިޒަމް މިނިސްޓަރުކަމަށް އިބްރާހީމް ފައިސަލް އައްޔަންކުރައްވައިފިއެވެ.

ރާއްޖޭގެ އިޤުތިޞާދު އެ ސިނާއަތެއްގެ މައްޗަށް އެންމެ ބޮޑަށް ބަރޯސާވާ ސިނާއަތަކީ ފަތުރުވެރިކަމެވެ. ރާއްޖެއަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ވަންނަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. ރައީސް ޑރ.މުޢިއްޒުގެ މެނިފެސްޓޯގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާ އެއް ދާއިރާއަކީވެސް ފަތުރުވެރިކަމުގެ ސިނާއަތެވެ.

އަދި މިއަދު މަޤާމުގެ ހުވައިކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ފުރަތަމަ ދެއްވި ތަޤުރީރުގައިވެސް ޑރ.މުޢިއްޒު ފާހަގަކުރެއްވީ ފަތުރުވެރިކަމުގެ މުހިއްމުކަމެވެ. އަދި ފަތުރުވެރިކަމަށް އެމަނިކުފާނުގެ ޒައާމަތުގައި ޚާއްޞަ ސަމާލުކަމެއް ދެއްވައި އެ ސިނާއަތު ތަރައްޤީކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެކަމުގައިވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ އިޤުތިޞާދުގެ އެންމެ އުސް އެއް ތަނބަކީ ފަތުރުވެރިކަން. ދިވެހި ބިމުގެ ރަންފަރުބަދަތަކަކީ، ޖަވާހިރުތަކަކީ ރީތި ހިމުން ދޮންވެލީގެ ތުނޑިތައް. ހިތްގައިމު މޫދުތައް. އަޅުގަނޑުމެންގެ ފަތުރުވެރިކަން ބިނާވެފައި ވަނީ، މި ވަސީލަތްތަކުގެ މައްޗަށް. ފަރުދީ ފެންވަރުގައްޔާއި، އާއިލީ ފެންވަރުގައްޔާއި އަދި ޤައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ނަފާ، ދިވެހި ޤައުމަށް ލިބެނީ ވަރަށްވެސް ތަނަވަސް ގޮތެއްގައި. އެހެންކަމުން، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދޭނަން." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ވުޒާރާއަށް ޑރ.މުޢިއްޒު އައްޔަންކުރެއްވި ފައިސަލަކީ މެލޭޝިޔާއިން ބިޒްނަސް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގައި 2 އަހަރު ދުވަސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ.

އޭގެ އިތުރަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުވެސް އޭނާ އަދާކުރެއްވިއެވެ. އޭނާއަކީ 2018 ވަނަ އަހަރުން ފެށިގެން ޕީޕީއެމްގެ ސެނެޓު މެންބަރެއްވެސްމެއެވެ.

ވިޔަފާރީގެ ދާއިރާއިން ފައިސަލް މަތީ ތައުލީމު ހާސިލުކުރެއްވީ ވެސްޓްމިންސްޓާ އިންޓަނޭޝަނަލް ކޮލެޖުންނެވެ. އޭނާވަނީ އެ ކޮލެޖުން ހޮނާސް ޑިގުރީ ވިޔަފާރީގެ ދާއިރާއިން ހާސިލުކުރައްވާފައެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނީ އެމަނިކުފާނު ފުރިހަމައަށް އިތުބާރުކުރައްވާ ބޭފުޅުންނެވެ. އަދި ފަތުރުވެރިކަން ފަދަ މުހިއްމު ދާއިރާއެއް ހަވާލުކުރައްވާނީ އެ ބޭފުޅެއްގެ ޤާބިލުކަމާމެދު ރައީސް ޑރ.މުޢިއްޒަށް ފުރިހަމަ ޔަގީންކަން އޮތް ބޭފުޅެކެވެ.

މި ލިއުމާއި ގުޅޭ