އިސްރާއީލްގެ ޔަހޫދީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން، ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރުމުގެ އިޝާރާތެއްގެ ގޮތުން ޣައްޒާގެ ދެކުނުވެސް ހުސްކުރުމަށް ބުނެ އިސްރާއީލުން ޣައްޒާއަށް ލީފްލެޓްތަކެއް އަޅައިފިއެވެ.
އަލް އަހްރަމް އޮންލައިން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެކުނުގެ ރަށެއް ކަމަށްވާ ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދުތަކަށް އުކާފައިވާ ލީފްލެޓްތަކުގައި ވާގޮތުން އެ ސަރަހައްދު ދޫކޮށް އާންމުން ދިއުމަށް ވަނީ ބުނެފައެވެ. އަދި ސަރަހައްދުން ނުގޮސް މަޑުކޮށްގެން ތިބޭ މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށްބުނެ އިންޒާރުދީފައިވެއެވެ. މީގެ ހަފުތާއެއް ކުރިން ޣައްޒާގެ އުތުރަށްވެސް އިސްރާއީލުން އެފަދަ ލީފްލެޓްތަކެއް އެޅިއެވެ.
ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއަށް ލީފްލެޓްތައް އުކާފައި މިވަނީ، އިސްރާއީލުގެ އެއްގަމުގެ އޮޕަރޭޝަންތަކުގައި ޣައްޒާގެ އުތުރާއި ދެކުނުވެސް ހިމެނޭނެ ކަމަށް އެ ގައުމުގެ އަސްކަރީ ވަޒީރު ޔޯވް ގަލަންޓް ވިދާޅުވެފައިވަނިކޮށެވެ.
އިސްރާއީލްގެ ހަނގުރާމަވެރިންގެ ހަމަލާތައް ޣައްޒާގެ ހޮސްޕިޓަލްތަކަށާއި، ސްކޫލުތްކަށް އަމާޒުކޮށްފައިވާއިރު، ފަލަސްތީނުން ބޭރުގައި ދިރިއުޅުއްވާ ހަމާސްގެ އިސް ލީޑަރެއް ކަމަށްވާ އިސްމާއިލް ހަނިއްޔާގެ ގެއެއް ގޮއްވާލާފައިވާ ކަމަށް ބުރާސްފަތި ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އެ ހަމަލާގައި މީހަކަށް ގެއްލުމެއްވީ ކަމެއް ސާފެއްނުވެއެވެ.
ޣައްޒާގެ ދެކުނުގައި ހަމަލާތައް ވަރުގަދަކުރާނެކަމުގެ އިޝާރާތެއް އިސްރާއީލުން ދީފައިވާއިރު، ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ އެ ސަރަހައްދުގެ ދެކުނަށް ޖަމާވެފައެވެ. މީގެކުރިން އިސްރާއީލުން ބުނަމުންދިޔައީ ދެކުނު ސަރަޙައްދު ރައްކާތެރި ވާނެކަމަށެވެ.
ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ޣައްޒާއަށް ތެޔޮ ވެއްދުމުގެ ހުއްދަ ބުދަ ދުވަހު އިސްރާއީލުން ވަނީ ދީފައެވެ. ނަމަވެސް އެ ތެޔޮ ހަމައެކަނި ބޭނުންކުރެވޭނީ ހޮސްޕިޓަލްތަކާއި ޑީސަލިނޭޝަން ޕްލާންޓްތައް ހިންގުމަށް ކަމަށް އިސްރާއީލުން އަންގާފައިވާ ކަމަށް ޣައްޒާގެ ރެފިއުޖީ އޭޖެންސީގެ ވެރިޔާ ތޯމަސް ވައިޓް ވިދާޅުވިއެވެ. އަދި ޣައްޒާއަށް އެތެރެކޮށްފައިވާ ތެލުން އާންމުންގެ ފުރާނަ ސަލާމަތްކުރުމަށް ޣައްޒާއަށް ތެޔޮ ބޭނުންވާ މިންވަރުގެ 10 އިންސައްތަވެސް ކަވަރު ނުކުރާނެ ކަމަށް ތޯމަސް ވިދާޅުވިއެވެ.
މީގެ އިތުރުން ފަލަސްތީނުގެ ޓެލެކޮމް ކުންފުނި ޕަލްޓެލްއިން ހާމަކޮށްފައިވާ ގޮތުގައި ތެޔޮ ނުވަތަ ކަރަންޓުގެ ދަތިކަމުގެ ސަބަބުން ބުދަ ދުވަހުން ފެށިގެން އެ ކުންފުނީގެ ޚިދުމަތްތައް ވަނީ ހުއްޓާލަން ޖެހިފައެވެ. ޣައްޒާއިން މީގެކުރިންވެސް ތިން ފަހަރެއްގެ މަތިން ވަނީ މުއާސަލާތީ ޚިދުމަތް ކެނޑިފައެވެ.
ޣައްޒާގެ އުތުރާއި ދެކުނުވެސް ހުސްކުރުމަށް އިސްރާއީލުން އަމުރު ކުރަމުންދާއިރު، ޣައްޒާގެ އާންމުން ދާނެ ތަނެއް ނެތެވެ. މިސްރާއި އުރުދުން ވެސް ވަނީ ފަލަސްތީނު ރެފިއުޖީން ގަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ. އެކަމަކު މުޅިދުނިޔެ ކަހަލަ ގޮތަކަށް ގޮވާލަމުންދަނީ ފަލަސްތީނަށް މިނިވަންކަމާއި ރައްކާތެރިކަން ދިނުމަށެވެ.