އަލްއަޤްސާ މިސްކިތަކީ މި އުއްމަތާ ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށާއި، އެ މިސްކިތް ރައްކާތެރިކުރުމަކީ ކޮންމެ މުސްލިމެއްގެ މަސްއޫލިއްޔަތެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
"ފަލަސްތީނާއި އަޤްސާ މިސްކިތް" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ފަލަސްތީނުގައިވާ އަލްމަސްޖިދުލް އަޤްސާއަކީ މުސްލިމުންގެ އަގީދާއާއި ދީނާ ގުޅިފައިވާ މާތް ﷲ ގެ ގެކޮޅު ކަމަށެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި މަސްޖިދުލް އަޤްސާއަކީ މުސްލިމުންގެ ފުރަތަމަ ގިބްލަ އެވެ. ކައުބަތުﷲ ގެފުޅަށް ގިބްލަ ބަދަލުކުރެއްވުނީ ފަހުންނެވެ.
"މާތް ﷲ އަށް އީމާންވާ ތެދުވެރި ކޮންމެ މުސްލިމަކު، އެންމެ މުހިއްމުކަންދޭ މައްސަލަ ކަމުގައި އަޤްސާ މައްސަލަ ވާންޖެހޭނެ އެވެ،" ހުތުބާގައި ބުންޏެވެ.
އެ މުޤައްދަސް މިސްކިތާ ކުޅޭ މީހުންނާއި، އެ މިސްކިތުގެ ހުރްމަތްކަނޑާ މީހުންގެ ކިބައިން އެ މިސްކިތް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު މުސްލިމުންގެ ބޮލުގައި އެޅިފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
"އަލްއަޤްސާ އަކީ، މާތް ﷲ މި އުއްމަތާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އެއީ މުސްލިމުންގެ އީމާންކަމާއި، އިސްލާމީ އެއްބައިވަންތަކަމާއި، ހޭލުންތެރިކަން މިނެދޭ ތަރާދެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި ފަލަސްތީނަކީ އެތައް ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންނެއް ދިރިއުޅުއްވި ބިމެވެ. އަދި ކީރިތި ރަސޫލާ (ޞ) ގެ އެތަކެއް ސަހާބީންނެއް ދިރިއުޅުއްވި ބިމެވެ. ފަލަސްތީނަކީ އިސްލާމީ ބޮޑެތި އިލްމުވެރިންގެ އިލްމީ ފޮތްތަކާއި، ބޮޑެތި މަދަރުސާތަކުން ޒީނަތްތެރިވެފައިވާ ރަށެކެވެ. އެއީ އިސްލާމީ އެތައް ޒައީމުންނެއް އެ ބިމަށްޓަކައި ގުރުބާނީތަކެއް ވެވަޑައިގެންފައިވާ ބިމެއް ކަމަށް ހުތުބާގައި ބުންޏެވެ.
މުސްލިމުންނަށް މުޤައްދަސް ތިން މިސްކިތެއް ލިބިގެންވެ އެވެ. އެއީ މައްކާގެ އަލްމަސްޖިދުލް ހަރަމާއި، ކީރިތި ރަސޫލާ (ޞ) ބިނާކުރެއްވި އަލްމަސްޖިދުލް ނަބަވީއާއި، ފަލަސްތީނުގެ ގުދުސުގައި ބިނާކުރައްވާފައިވާ އަލްމަސްޖިދުލް އަޤްސާ އެވެ.
މި އުއްމަތުގެ އެންމެ ބޮޑު ދުޝްމަން ކަމުގައިވާ ޔަހޫދީ ޒަޔަނިސްޓުންނާ ދެކޮޅަށް މުސްލިމުން ކުރާ ޖިހާދުގައި އެންމެ މުހިންމު ލަނޑުދަނޑިއަކަށް ވާންޖެހޭނީ އަލްއަޤްސާ މިސްކިތާއި މުސްލިމުންގެ އަތުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިން މިނިވަން ކުރުން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
"ޔަހޫދީންނާ ދެކޮޅަށް މުސްކިމުން ހަނގުރާމަކޮށް، ނަސްރު ހޯދާނެ ކަމުގެ ހެޔޮ ހަބަރު ކީރިތި ރަސޫލާ (ޞ) ވަނީ ދެއްވާފަ އެވެ،" ހުކުރު ހުތުބާގައި ބުނެފައިވެ އެވެ.