މިލިޓަރީ ހިމެނޭހެން ރާއްޖޭގެ އެކި ދާއިރާތަކަށް ބޭރު ގައުމުތަކުގެ އެހީ ބޭނުންވާ ކަމަށާއި ނަމަވެސް އެ އެހީ ބޭނުންވަނީ އެ ގައުމެއްގެ ސިފައިން އައިސް ރާއްޖޭގައި ގާއިމްވެ ނުތިބޭ ގޮތަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރައްވާ ޑރ. މުއިއްޒު އިއްޔެ ޗެނަލް ނިއުސް އޭޝިއާ (ސީއެންއޭ)އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަވަށްޓެރި އިންޑިއާއަކީ ރާއްޖެއާ ޒަމާންވީ އެކުވެރިކަމެއް އޮންނަ ގައުމެއް ކަމަށައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ އެކުވެރިކަން އޮންނާނެ ކަމަށެވެ.
އެކަމަކު އިންޑިއާ ވިޔަސް، އެއްވެސް ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާ މެދު ދެކޭ ގޮތް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ދިވެހި ރައްޔިތުން ހާމަކޮށްފި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން އެގޮތަށް ސިފައިން ގާއިމުވެ ތިބުމަށް ފުރުސަތު ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން އިންތިގާލީ މަރުހަލާގެ ތެރެއިންވެސް އިންޑިއާގެ ހައިކޮމިޝަނަރާ ބައްދަލުކުރައްވައި ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިންގެ ވާހަކަ ދެންނެވިކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ އެކުވެރިކަމުގެ ތެރެއިން އެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު މި ވާހަކަދައްކަނީ ރައްޔިތުންގެ ފަރާތުން. ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ތެރެއިން މި މައްސަލަ (އިންޑިއާ ސިފައިންގެ މައްސަލަ) ހައްލުކުރަން ޖެހޭ. މައްސަލައަކީ ސެކިއުރިޓީގެ މައްސަލައެއް. މީގެ ކުރިން އަހަރުތަކުގައި ވެސް އެއްވެސް ގައުމެއްގެ މިލިޓަރީ ބޭފުޅުން ރާއްޖޭގައި ނެތް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖެއަށް ބޭނުންވަނީ އެހީތެރިކަމެވެ. ނަމަވެސް އެ އެހީތެރިކަން ބޭނުމީ އެ ގައުމެއްގެ ސިފައިން އައިސް ރާއްޖޭގައި ގާއިމްވެ ނުތިބޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
އިންތިހާބީ ރައީސުލްހުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު--- ފޮޓޯ/ ޕީޕީއެމް
"އެސިސްޓެންސް ބޭނުންވޭ މިލިޓަރީ ދާއިރާއިންވެސް. ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ގައުމުތަކުގެ އެސެސްޓެންސް ބޭނުންވޭ. އެހެން އިތުރު ކަންކަމަށްވެސް އިންޑިއާގެ ވެސް އެހެން ގައުމުތަކުގެ ވެސް އެހީތެރިކަން ބޭނުންވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު އެއީ އެ ގައުމުތަކުގެ މިލިޓަރީ ރާއްޖޭގައި ގާއިމްވެ ނުތިބޭ ގޮތަށް. ޕްރޮޖެކްޓުތަކަށް އެހީ ބޭނުންވޭ އެކަމަކު އެއީ އެ ޕްރޮޖެކްޓުތައް ހިންގަން އެ ގައުމެއްގެ ސިފައިން ރާއްޖެ އައިސް ގާއިމްވެ ނުތިބޭ ގޮތަށް. އެއީ ރައްޔިތުން ލައިން ކުރުހާ ހިސާބަކީ."
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސާފުނުވީ ނިމިދިޔަ އިންތިގާލީ މަރުހަލާގެ ތެރެއިން ލިބުނު އެކި ރިޕޯޓުތަކުގައި އެކި އަދަދުތައް ހުރުމުންނެވެ. އެކަމަކު ރަސްމީކޮށް ވެރިކަމާ ހަވާލުވުމާއެކު އެ އަދަދު ސާފުވާނެކަން ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.
ޑރ. މުއިއްޒު މީގެ ކުރިންވެސް ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ވެރިކަމާ ހަވާލުވެ އެންމެ އިސްކަމެއް ދީގެން ކުރައްވާނެ އެއް މަސައްކަތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމުން ބޭލުމާއި، އިންޑިއާއާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތައް ހާމަކުރުމެވެ.