ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާ ކުރެއްވުމަށްފަހު ގެއަށް ވަޑައިގަންނަވަނީ ނެތް އެއްޗަކުން އެއްޗެއް އުފައްދައިފައި ކަމަށް އެކުންފުނީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އާރުޑީސީގެ މުވައްޒަފުންނާއި ބައްދަލުކޮށް މުކޭ ވިދާޅުވީ ހިތްހަމަޖެހުމަކީ ނެތް އެއްޗަކުން އެއްޗެއް އުފައްދާފައި ގެޔަށް ދާން ޖެހުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ޒުވާނުންނަކީ ކޮންމެ ފަދަ މަސައްކަތެއް ކުރަން ފުރުސަތު ލިބިއްޖެނަމަ ފަހަތަށް ނުޖެހި އެމަސައްކަތަކީ ކުރެވިދާނެ މަސައްކަތެއްކަން ސާބިތުކޮށްދީފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އާރުޑީސީ އުފެދިގެން އައީ ސުމަކުން ކަމަށާއި މުވައްޒަފުންގެ މިންނެތް މަސައްކަތުން މިހާރު އެއީ ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގާ ކުންފުންޏެއް ކަމަށް މޫކޭ ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހަށް ތައުރީފް ކުރައްވަމުން މޫކޭ ވިދާޅުވީ ރައީސް ސޯލިހަކީ ދިވެހި ގައުމު ދުވަހަކު ނުދެކޭ ތަރައްގީ އަތޮޅު ތެރެއަށް ގެނެސްދެއްވި ތަރައްގީގެ ބާނީ ކަމަށާއި ރާއްޖޭގެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ދެއްވި ކަމަށެވެ.
އާރުޑީސީގެ ޗެއާމަނާއި އަދި ބޯޑު މެމްބަރުންނާއި ސީނިއާ މެނޭޖްމަންޓުން އުނދަގުލާއި ދަތީގައިވެސް އުންމީދާއި އެކު ކުރެއްވި ބުރަ މަސައްކަތާއި ބެހެއްޓެވި ގާތްކަން ދުވަހަކުވެސް ހަނދާނުން ފުހެވި ނުދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ގިނަ ބަހުސްތަކާއި ހިތްހަމަޖެހުމާއި ނުޖެހުމުގެ ތެރެއިންވެސް ކުންފުންނާއި މުވައްޒަފުންނަށް އެންމެ ރަނގަޅުގޮތް އަބަދުވެސް ހޯދުމުގައި ކުރެއްވީ ނަމޫނާ މަސައްކަތެއް ކަމަށް މޫކޭ ފާހަގަކުރެއްވިއެވެ.
އާރުޑީސީ އާއި ދެކޮޅަށް ކުރެވޭ ތުހުމަތްތަކަކީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކުރައްވަމުން މޫކޭ ވިދާޅުވީ ބޯޑުން އެކުލަވާލީ ހަރުދަނާ އުސޫލްތަކުގެ ސަބަބުން މިކަމުންވެސް ކުންފުނި ސަލާމަތްވާނެ ކަމަށެވެ.
މޫކޭ ވަނީ މިއަދު ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުއިއްޒުގެ ރިޔާސީ ދައުރަށް މަރުހަބާ ދަންނަވާފައެވެ. އަދި ވިދާޅުވީ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން ބަދުނާމު އަޅުވައި ތުހުމަތު ކުރެވުނު ތިޖޫރީ އާއި 13 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވުމުގެ މައްސަލަ ޑރ. މުއިއްޒުގެ ސަރުކާރުގައި ބަލައި ދެއްވާ އިންސާފު ގާއިމް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.