ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ހަމަދު އަބްދުލް ޢަނީ ސަރުކަަރު ހިންގާ މައި ޕާޓީ (އެމްޑީޕީ) އިން ވަކިވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމައިލަށް ހަމަދު ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާ އެމްޑީޕިއާ ގުޅުނީ ދަތުރުފަތުރުގެ ދާއިރާއިން ސަރުކާރުން ހާސިލްކުރައްވަން ބޭނުންފުޅުވި ނަތީޖާ އާއި ޚިދުމަތް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ފާއިތުވީ 5 އަހަރުގައި ރައީސް ސޯލިހު ހާސިލްހާސިލް ކުރައްވަން ބޭނުންފުޅުވި ކަންކަން ރައްޔިތުންނާ ހަމައަށް ތިލަކޮށްދިނުމުގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރެވުނު ކަމަށް އޭނާ ޤަބޫލުކުރައްވާ ކަމަށެވެ. ސަރުކާރަށާއި ރައްޔިތުންނަށް ޑެޕިއުޓީ މިނިސްޓަރެއްގެ ހައިސިއްޔަތުން ގިނަ ޚިދުމަތް މިދައުރުގައި ކުރެވުނު ކަމަށް ހަމަދު ޤަބޫލުކުރައްވައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ކޮރަޕްޝަންގެ ގިނަ އަމަލުތައް ހިންގާކަން ފާހަގަކުރައްވަމުން ހަމަދު ވިދާޅުވެފައިވަނީ ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި މައްސަލަތައް ކަމާއި ގުޅޭ މުއައްސަސާތަކަށް ހެއްކާއި ގަރީނާއެކު ހުށަހެޅި ނަމަވެސް އެކަންތައް ހުއްޓުވުމަށް މިސަރުކާރުން މިއަދާ ހަމައަށް އައިއިރުވެސް އެކަށީގެންވާ ފިޔަވަޅު ނާޅާކަމަށް ހަމަދު ވަނީ ވިދާޅުވެފައެވެ.
މިކަންތައްތައް ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅަން ފެށުމުން މި ސަރުކާރުން އޭނައަށް ހަރުކަށި ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށް، ރަސްމީ ކަންކަމުގައި މުއާމަލާތް ކުރުމަށް ދެއްވާފައިވާ އީމެއިލް އެޑްރެސް ޑީއެކްޓިވޭޓް ކުރިކަމަށް ހަމަދު ވަނީ ވިދާޅުވެފައެވެ.
ކަން މިހެން ހުރުމާއެކު ޕާޓީއާ ގުޅުނު މަޤްސަދު ހާސިލް ނުވާތީ ހަމަދު ވަނީ އެމްޑީޕީން ވަކިވެފައެވެ.
އަދި ހަމައެއާއެކު ޑެޕިއުޓީ މިނިސްޓަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް އަދި ގައުމަށް ޚިދުމަތްކުރުމަށް ދެއްވި ފުރުސަތަށް އޭނާ ވަނީ އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.
ހަމަދު އެމްޑީޕީ އާއި ގުޅި ވަޑައިގެންނެވީ މީގެ 3 މަސްކުރިންނެވެ.