މި އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ޚަރަދުކުރުމަށް ކަނޑައަޅާފައިވާ އަދަދުތަކުގެ ބޭރުން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވި ނަމަވެސް، އެފަދައިން ޚަރަދުކުރުމަކީ މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ހުށަހަޅާފައިވާ ސަޕްލިމަންޓަރީ ބަޖެޓުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ބަޖެޓު ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުންވަނީ މި އަހަރަށް ފާސްކުރި ބަޖެޓުގެ ބޭރުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރައްވައި ނުރުހުން ފާޅުކުރައްވާފައެވެ.
އެގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ފާހަގަކުރެއްވީ ޤާނޫނު އަސާސީގައި ސާފުކޮށް ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް މަޖިލީހުން ފާސްކޮށްގެން ނޫނީ ޚަރަދުނުކުރެވޭނެކަން ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަމަށް ޚަރަދުކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ޚަރަދުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ބަޖެޓުގެ ޖުމްލަ އަދަދަށްވުރެ އިތުރަށް މިހާތަނަށް ޚަރަދުކޮށްފައިނުވާނެއެވެ. އެހެންކަމުން ޖުމްލަ ޚަރަދު ބަޖެޓު ކުރި މިންވަރަށްވުރެ އިތުރުނުވާތީ ބަޖެޓު ޚަރަދުކުރީ ރަނގަޅަށް ކަމުގައިވެސް އަމީރު ވިދާޅުވިއެވެ.
އެވާހަކަފުޅަށް ރައްދުދެއްވައި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ ޖުމްލަ ބަޖެޓަށްވުރެ ޚަރަދުތައް އިތުރުނުވާކަމަށް ވިދާޅުވެ، ބަޖެޓުގައި ވަކިވަކި ދާއިރާތަކަށް ޚަރަދުކުރަން ކަނޑައަޅާފައިވާ އަދަދުތަކަށްވުރެ އިތުރަށް ޚަރަދުކުރުމަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް މިނިސްޓަރު ހިންގަވާ އަމަލެއް ކަމަށެވެ.
"ޖުމްލަ ބަޖެޓް އިތުރުނުވޭ ބުނެ ހަރަދު ކުރާ ކަމަށް ވަންޏާ މިތަނުން ވަންއޮފް ފިގާއެއް ފާސްކޮށްފައި މި އަދަދާ ހަމައަށް ހަރަދު ކުރާށޭ ބުނީމާ ނިމުނީމާ. ވަކިވަކި ދާއިރާތަކަށް އަދަދުތަކެއް ބަޖެޓްކޮށް މި ހަދަނީ އޭގައި މަގުސަދެއް އޮތީމާ،" އަފީފު ވިދާޅުވިއެވެ.
އަމީރު އެ ވާހަކަފުޅަށް ރައްދުދެއްވައި ވިދާޅުވީ ބަޖެޓުގައި އެއް ކަމަކަށް ޚަރަދުކުރަން ހުރި ފައިސާ އެހެން ކަމަކަށް ބަދަލުކުރުމަކީ ހުރިހާ ސަރުކާރެއްގައިވެސް ހިނގާ ކަމެއް ކަމަށެވެ. އަދި ބަޖެޓުގައި ޚަރަދުކުރަން ހިމަނާފައިވާ ޖުމްލަ ފައިސާގެ އަދަދު ފަހަނައަޅާ ގޮސްފައިނުވާތީ ޚަރަދުކުރި ގޮތުގައި މައްސަލައެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ސަޕްލިމަންޓަރީ ބަޖެޓާ ގުޅިގެން އޮޑިޓު އޮފީހުން ފޮނުވި ލަފާގައި ފާހަގަކުރި ކަންކަމަށް ބަލާއިރު، ކުންފުނިތަކަށް ދިނުމަށް ބަޖެޓުގައި ކަނޑައަޅާފައި އޮތް މިންވަރަށްވުރެ 304 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވެއެވެ. އަދި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޚަރަދުކުރަން ކަނޑައަޅާފައިވާ އަދަދަށްވުރެ 708 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރިއެވެ.