Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ބަޖެޓު

ބަޖެޓު ފޫބެއްދުމަށް ސަރުކާރުން ނެގީ ލުއި ލޯނުތަކެއް ނޫން: އޮޑިޓު އޮފީސް

ސަރުކާރުން ބަޖެޓުގައި ހިމަނާ ޚަރަދުތައް ހަމަޖެއްސުމަށް ހޯދާ ލޯނުތަކަކީ ލުއި ލޯނުތަކެއް ނޫންކަން ފާހަގަކޮށް އޮޑިޓާ ޖެނެރަލް އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިހާރު ސަރުކާރުން ހުށަހަޅާފައިވާ މި އަހަރުގެ ސަޕްލިމަންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން ވިދާޅުވީ ބަޖެޓު ސަޕޯޓަށް ސަރުކާރުން ހޯދާފައިވާ ގިނަ ލޯނުތަކަކީ ކޮންސެޝަނަލް/ ލުއި ލޯނުގެ އުސޫލުތަކާ ޚިލާފު ލޯނުތައް ކަމަށެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވީ އެ ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތައްވެސް ބޮޑުކަމާއި، ލޯނުތައް އަދާޚުރަންޖެހޭ މުއްދަތުވެސް އެކަށީގެންވާ މިންވަރަށްވުރެ ކުރު ކަމަށެވެ. އަދި މިފަދައިން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓު ބޮޑުވުމުން އަހަރުން އަހަރަށް އިންޓަރެސްޓު އަދާކުރަން ކުރަންޖެހޭ ހޭދަ އިތުރުވަމުންދާކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އޮޑިޓު އޮފީހުން ފާހަގަކުރީ ބަޖެޓުގައި ފައިނޭންސިން ހަމަޖެއްސުމަށް ހިމަނާފައި އޮންނަ ގޮތާ ޚިލާފަށް ފައިނޭންސް ހޯދުމެވެ. އެގޮތުން ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެންނާއި އެކި ބާވަތުގެ ބޮންޑުތައް ވިއްކައިގެން ފައިސާ ހޯދަން ބަޖެޓުކުރި ނަމަވެސް އެ ފައިސާ ބޭރުން ނުލިބިގެން ފައިސާ ހޯދަންޖެހެނީ އެތެރޭގެ ބާޒާރުން ކަމަށެވެ.

"މީގެ ސަބަބުން ދަރަނީގެ ޕޯޓުފޯލިއޯގެ ރީފައިނޭންސިން ރިސްކް އަދި އިންޓްރެސްޓް ރޭޓު އިތުރުވެފައިވުމާއި އަދި ބަޖެޓް ފައިނޭންސް ކުރުމުގައި ޑޮމެސްޓިކް މާކެޓަށް ބަރޯސާވެފައިވާ މިންވަރު އިތުރުވުމާއި ޑޮމެސްޓިކް މާކެޓުގެ ލިކުއިޑިޓީ މިންވަރު ދެނެގަތުން މުހިއްމު،" ޝާން ވިދާޅުވިއެވެ.

ފައިނޭންސްކުރުމަށް ދަރަންޏަށް ފައިސާ ހޯދުމުގައި ބޭރުން ހޯދަންޖެހޭ ފައިސާ ނުލިބި އެތެރޭގެ ބާޒާރުން ފައިސާ ހޯދާއިރު އެ ފައިސާ ހޯދަނީ ކުރު މުއްދަތުގައި އަނބުރާ ދައްކަންޖެހޭ ފަދަ އިންސްޓްރޫމެންޓުތައް މެދުވެރިކޮށްކަން އޮޑިޓު އޮފީހުން ފާހަގަކުރިއެވެ.

އަދި ސަޕްލިމަންޓަރީ ބަޖެޓާއި ދައުލަތުގެ ބަޖެޓުން ކެޕިޓަލް އިންޖެކްޝަނާއި ލޯނުގެ ގޮތުގައި ދައުލަތުގެ ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ދެމުންދާކަން ފާހަގަކުރައްވައި، ޝާން ވިދާޅުވީ މި އަހަރުވެސް ދައުލަތުގެ ކުންފުނިތަކަށް ދިނުމަށް ބަޖެޓުކުރި 764 މިލިއަން ރުފިޔާ ފަހަނައަޅައި، ގާތްގަނޑަކަށް 40 އިންސައްތަ އިތުރަށް ކުންފުނިތަކަށް ފައިސާ ދީފައިވާކަމަށެވެ. އެގޮތުން މި އަހަރު އެއް ބިލިއަން ރުފިޔާ މިހާތަނަށް ކުންފުނިތަކަށް ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޮޑިޓު އޮފީހުން ގޮވާލާފައިވަނީ ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރާއިރު، އެފައިސާ ޚަރަދުކުރާ ގޮތާމެދު ކުންފުނިތައް ޖަވާބުދާރީކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށެވެ. އަދި ސަރުކާރުން އެކުލަވާލާފައިވާ މެދު ރާސްތާގެ ފިސްކަލް ސްޓްރެޓެޖީއާ އެއްގޮތަށް ފައިސާ ހޯދުމުގައި އަމަލުކުރުމަށްވެސް އެ އޮފީހުން އިލްތިމާސްކުރިއެވެ.

މި ލިއުމާއި ގުޅޭ