ނިމެންދާ ސަރުކާރުން ހުށަހެޅި ގޮތަށް މި އަހަރުގެ ބަޖެޓުގެ ޚަރަދުތައް ހަމަޖެއްސުމަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެއް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ދިރާސާކުރާ ކޮމިޓީން ފާސްކޮށްފިއެވެ.
ސަޕްލިމަންޓަރީ ބަޖެޓުގެ ތަފުސީލުތައް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާއިރު 6.5 ބިލިއަން ރުފިޔާގެ އެ ބަޖެޓުގައި ހިމަނާފައިވާ ފައިސާގެ ތެރެއިން އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 399.1 މިލިއަން ރުފިޔާއެވެ. އެއީ ޖުމްލަ ސަޕްލިމަންޓަރީ ބަޖެޓުގެ ގާތްގަނޑަކަށް %6 އެވެ.
ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި އިތުރު ފައިސާއެއް ލިބޭނެކަމަށް އަންދާޒާކޮށްފައިނުވެއެވެ. ޓެކުސް ނޫން ގޮތްގޮތުން 331.5 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި ހިލޭއެހީގެ ގޮތުގައި 67.6 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރިއެވެ.
ސަޕްލިމަންޓަރީ ބަޖެޓުގެ 94 އިންސައްތަ ފައިސާއަކީ ދަރަންޏަށް ހޯދަންޖެހޭ ފައިސާއެވެ. އެއީ ޖުމްލަ 6.1 ބިލިއަން ރުފިޔާއެވެ. އެ ފައިސާގެ ތެރެއިން ބޮޑު ބައެއް ހޯދުމަށް ބަޖެޓުކޮށްފައިވަނީ ބޭރު ފަރާތްތަކުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. އެގޮތުން ބޭރު ފަރާތްތަކުން 4.1 ބިލިއަން ރުފިޔާ ދަރަންޏަށް ހޯދަން އެ ބަޖެޓުގައި ހިމަނާފައިވެއެވެ. އެއީ މުޅި ބަޖެޓުގެ 63 އިންސައްތައެވެ.
ބޭރުގެ ފަރާތްތަކުން ހޯދަން ހިމަނާފައިވާ 4.1 ބިލިއަން ރުފިޔާގެ ތެރެއިން ލޯނުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ އަދި ބަޖެޓު ސަޕޯޓު ލޯނުގެ ގޮތުގައި 3.08 ބިލިއަން ރުފިޔާ ހޯދަން އެ ބަޖެޓުގައި ހިމަނާފައިވާއިރު އެ ފައިސާ ހޯދަނީ ކޮން ތަނަކުން ކިހިނެއްކަން ބަޖެޓުގައި ތަފުސީލުކޮށްދީފައިނުވެއެވެ.
ބޭރުގެ ފަރާތްތަކުން 4.1 ބިލިއަން ރުފިޔާ ދަރަންޏަށް ނެގުމުގެ އިތުރަށް އެތެރޭގެ ބާޒާރުން 1.9 ބިލިއަން ރުފިޔާ ދަރަންޏަށް ހޯދަން އެ ބަޖެޓުގައި ހިމަނާފައިވެއެވެ. އެ ފައިސާ ހޯދަން ހިމަނާފައިވަނީ ޑޮމެސްޓި ސްކިއުރިޓީސް ކަމަށްވާ ޓްރެޝަރީ ބޮންޑާއި ސުކޫކު ވިއްކައިގެން އަދި ލޯނު ނަގައިގެންނެވެ. ސްޓޭޓް ބޭންކު އޮފް އިންޑިއާއިން ނަގާ ލޯނާއި އެ ބޭންކަށް ބޮންޑު ވިއްކައިގެން ހޯދާ ފައިސާ ސަރުކާރުން ގުނަނީ އެތެރޭގެ ބާޒާރުން ހޯދާ ދަރަނީގެ ތެރޭގައެވެ.
ސަޕްލިމަންޓަރީ ބަޖެޓުގެ 94 އިންސައްތަ ދަރަނި ނަގައިގެން ހަމަޖައްސަން ނިންމާފައިވުމާއެކު މި އަހަރަށް ބަޖެޓުގެ ޑެފިސިޓު ހުންނާނެކަމަށް ކުރިން ލަފާކުރި 8.6 ބިލިއަން ރުފިޔާގެ ބަދަލުގައި އަހަރު ނިމޭއިރު ބަޖެޓު ޑެފިސިޓު 14.6 ބިލިއަން ރުފިޔާއަށް އަރާނެކަމަށް 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ފޮތުގައި ބުނެފައިވެއެވެ.
ސަޕްލިމަންޓަރީ ބަޖެޓުގެ ބޮޑު ބައެއް ދަރަނީގެ ގޮތުގައި ހޯދާއިރު ބަޖެޓުގެ ބޮޑު ބައެއް ޚަރަދުވަނީ ރިކަރަންޓު ޚަރަދުތަކަށެވެ. އެގޮތުން 3.1 ބިލިއަން ރުފިޔާ ރިކަރަންޓު ޚަރަދުތަކަށް ހޭދަކުރަން ބަޖެޓުކޮށްފައިވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ އަހަރުކަމަށްވާ 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބަޖެޓުގެ ޚަރަދުތައް ފޫނުބެއްދިގެން އަހަރު ނިމެން ކައިރިވުމާއެކު، ނުވަތަ ޖެހިގެން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، ދައުލަތުން އަންނަނީ ސަޕްލިމަންޓަރީ ބަޖެޓުތައް ހުށަހަޅަމުންނެވެ.
ސަޕްލިމަންޓަރީ ބަޖެޓާ ގުޅިގެން މަރުކަޒީ ބޭންކު އެމްއެމްއޭއިން ދިން ލަފާގައި އެ ބޭންކުންވަނީ މިފަދައިން ކޮންމެ އަހަރަކު ސަޕްލިމަންޓަރީ ބަޖެޓު ހުށަހެޅުމަކީ އާދައެއްކަމަށް ނުހަދައި ބަޖެޓުގެ އިމުގެ ތެރެއިން ޚަރަދުތައް ހިފަހެއްޓުމަށް އިސްކަންދިނުމަށް ދައުލަތަށް ލަފާދީފައެވެ.