ރޮހިންޔާ މުސްލިމުންގެ ހައްޤުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލުވާން ރާއްޖޭން ހުށަހަޅައިފިއެވެ.
މިއަންމާގެ ބައި މަދު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް، އައިސީޖޭން ބަލަމުންދާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނަން ނިންމައި، އެ ކަން އިއުލާނުކުރީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލް ބައްދަލުވުމުގައެވެ.
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާ އިންސާނީ އަމަލުތަކާ ގުޅިގެން އައީސީޖޭއަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު ހުށަހެޅީ ގެމްބިއާ ސަރުކާރުންނެވެ.
އެ މައްސަލައިގައ،ި މިއަންމާގެ ރާކީން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް 2016 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ސިފައިންނާއި އެހެން ފަރާތްތަކުން ހިންގަމުން އަންނަ އަމަލުތަކަކ،ީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ ހިލާފު އަމަލުތަކެއް ކަމަށް ގެމެބިޔާ ސަރުކާރުން ބުނެއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލާގައި ރާއްޖެ ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނެނ،ީ އިނގިރޭސިވިލާތުގެ ޑައުޓީ ސްޓްރީޓް ޗޭމްބާސްގެ ވަކީލު އަމާލް ކްލޫނީ އާއ،ި އިނގިރޭސިވިލާތުގެ ޓްވެންޓީ އެސެކްސްގެ ވަކީލު ޕްރޮފެސަރު ފިލީޕާ ވެބްއެވެ.
ރާއްޖޭގެ އިތުރުން ހަ ގައުމަކުން ވަނީ މި މައްސަލައަށް ތަދައްޚުލްވާން ނިންމާފައެވެ.
އެ އޮފީހުން ބުނީ ރާއްޖޭގެ އިންޓަވެންޝަން މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތުގެ މައްޗަށް ކަމަށެވެ. މި މައްސަލައާ ގުޅޭ ގިނަ ރެޒޮލިއުޝަންތަކެއް ކޯ-ސްޕޮންސާކޮށް އދ.ގެ އާންމު މަޖިލީހާއި ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖޭން ހުށަހަޅާފައިވެއެވެ.
ރޮހިންޔާ މުސްލިމުން މިހާރު ދިރިއުޅެމުންދަނީ ބަންގްލަދޭޝްގެ ތޮއްޖެހިފައިވާ ކޭމްޕްތަކުގައި ވަރަށް ނިކަމެތި ހާލުގަ އެވެ. ރާކައިން ސްޓޭޓްގައި ތިބި ކަމަށް ލަފާކުރެވޭ 600،000 އެއްހާ ރޮހިންޔާ މުސްލިމުންނަށް މިއަންމާ ސަރުކާރުން ގޯނާތަކާއި އަނިޔާވެރިކަން ދަނީ ކުރިމަތިވަމުންނެވެ. ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ނެތް ކޭމްޕްތަކުގައި، އެކަށީގެންވާ ކާނާއާއި ސިއްހީ ފަރުވާއާއި ތައުލީމާއި އާމްދަނީ ހޯދުމުގެ ފުރުސަތުތައް ވަނީ ކަނޑާލައިފަ އެވެ.