މަސްތުވާތަކެެއްޗާއި ބަނގުރާއާއެކު ހައްޔަރުކުރި އާރުޑީސީގެ ފައިނޭންޝަލް މެނޭޖަރު ހުސައިން އަނީފުގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބޯން ގެންގުޅޭ ތަކެތިކަމަށް ކޯޓުގައި އިއުތިރާފުވުމާއެކު ކޯޓުގައި މައާފަށް އެދިއްޖެއެވެ.
ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ މުވައްޒަފުގެ ގެ ބަލައިފާސްކުރިއިރު ބަނގުރާ ހުސްކުރި ފުޅިއާއި، މަސްތުވާތަކެތީގެ ގިނަ ބާވަތްތަކެއް ފެނިގެން އޭނާ ހައްޔަރުކުރުމަށްފަހު އޭނާ ދޫކޮށްލާފައިވާކަން "ދިޔަރެސް"އަށްވަނީ ކަށަވަރުވެފައެވެ.
"ދިޔަރެސް"އަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން އޭނާގެ ގެއަށް ވަދެ ބަލައި ފާސްކުރީ މިހާރު ފުލުހުން ތަހުގީގުކުރަމުންދާ އާރުޑީސީގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލައިގެ ތަހުގީގަށެވެ. އެ މައްސަލާގައި ކުންފުނީގެ ފައިސާގެ ތެރެއިން 13 މިލިއަން ރުފިޔާ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެކި ފަރާތްތަކަށް ފޮނުވާފައިވާކަންވަނީ ފަޅާއަރާފައެވެ.
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އާރްޑީސީގެ މެނޭޖަރު އަނީފަކީ މިސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރު ފައްޔާޒު އިސްމާއީލާ ވަރަށް ގާތް ގުޅުމެއް އޮންނަ އޭނާ ބޭނުންފުޅުވާ ގޮތަށް ކަންކަން އިންތިޒާމުކުރުމުގައި އިސް ދައުރެއް އަދާކުރާ މީހެކެވެ.
ފައްޔާޒުގެ އިތުރުން މި ސަރުކާރުގައި އެންމެ ބާރުގަދަ މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، އޭނާގެ ފިރިކަލުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒާވެސް ހައްޔަރުން މިނިވަންކުރި އާރުޑީސީގެ މެނޭޖަރުގެ މެދުގައި ގުޅުން އޮވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައިބ އާރްޑީސީގެ އެކައުންޓުން އަމިއްލަ އެކައުންޓުތަކަށް ފައިސާ ބަދަލުކޮށް އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެކަކީވެސް އަނީފެވެ.
އަނީފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާވަނީ އޭނާގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އަމިއްލަ ތަކެތިކަމަށް އެއްބަސްވެ، އެތަކެއްޗަކީ ބޯން ގެންގުޅޭ ސާމާނުކަމަށް ބުނެފައެވެ. އަދި ފަރުވާގެ ފުރުސަތު ލިބިއްޖެނަމަ ބޭނުންވާކަމަށާއި، މައާފަށް އެދޭކަމަށްވެސް އޭނާ ބުންޏެވެ.
އެ މައްސަލާގައި ބަންދާމެދު ގޮތެއް ނިންމެވި ޤާޟީ އާމިނަތު އަޒްލިފާ ނިންމެވީ ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރި ނަމަވެސް، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުންކަމަށްވާތީ، މީނާގެ ކުރީގެ ކުށުގެ ރެކޯޑެއް ނެތުމުން، އޭނާއަކީ ކުށުގެ ވެށީގައި އުޅޭ މީހެއްކަމަށް ނުބެލެވޭތީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޭނާގެ ފަރާތުން ކުރިމަތިވެދާނެކަމަށް ބުރަވަވޭ ހަރުދަނާ ސަބަބެއް ފާހަގަނުކުރެވޭތީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް ނެތް ކަމަށެވެ.