Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސީޕީ ހަމީދު ރިޓަޔަރ ކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސީޕީ ހަމީދު ވަނީ ރިޓަޔަރކުރައްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ސީޕީ ހަމީދުގެ ޚިދުމަތަކީ ޤައުމު ބަލައިގަންނަ އަދި ދުނިޔޭގެ ފުލުހުންގެ މުއައްސަސާތަކަށް ބަލާއިރު ހާއްސަކޮށް އިންޓަޕޯލް އިންޓެލިޖެންސް ބަލައިގަންނަ، ގަބޫލުކުރާ އަދި އިތުބާރުކުރާ ފެންވަރުގެ ޚިދުމަތްތަކެއް ކަމަށެވެ. ސީޕީ ހަމީދަށް ތައުރިފް ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ހަމީދު ކުރެއްވި ބުރަ މަސައްކަތް ވަރަށް ގާތުން ފެނިފައިވާކަމަށެވެ. އަދި ބައިމިލިއަން ހަމަނުވާ ދިވެހި މިގައުމުގެ ފުލުހުންގެ މިފޯސް ލީޑުކުރަމުންގޮސް ސެކަންޑް ޖެނަރޭޝަނަށް މީހުން ތައްޔާރުކުރެވުން އެއީ ވަރަށް ބުރަ، މިންނަތް އަދި ވަރަށް ކޮމިޓެޑް މަސައްކަތްތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި، މުއައްސަސާ މިއަދު އަޅައިދީފައި ހުރި ބިންގާތަކުގެ މަތީގައި އެއްވެސްކަހަލަ ފުށުއެރުމެއް ގުޑުމެއް ނެތި ތެދުކޮށް ރަނގަޅަށް ބިނާކުރެވިއްޖެއްނަމަ އަޅުގަނޑުމެން އެދޭކަހަލަ ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ވެގެންދާނެކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ، ފުލުހުންގެ ވަޒީފާއާ ފުރަތަމަ ގުޅިވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކި ހައިސިއްޔަތުގެ ބޭފުޅުންނާ އެކު މަސައްކަތް ކުރެއްވުނު ކަމަށާއި ކޮންމެ ފުލުހަކު ވެސް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނިފައިވަނީ ހިތްވަރާއި އަޒުމާ އެކު މަސައްކަތް ކޮށްފައިވާ ތަން ކަމަށެވެ.

"ހިތާ އެންމެ ގާތް ހިދުމަތުން ވަކިވެގެން ދާއިރު، މި މުއައްސަސާގެ ޝަރަފާއި ގަދަރު ނެގެހެއްޓުމަކީ ކޮންމެ މުވައްޒަފެއްގެ ކޮނޑުގައި ވެސް އެޅިފައިވާ ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތް ކޮށްދިނުމަށް އިލްތިމާސް ކުރަން،".
ސީޕީ ހަމީދު

އަދިހަމައެއާއެކު ކޮންމެ މުވައްޒަފަކުވެސް އެ މުވައްޒަފެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ތެދުވެރިކަމާއެކު ނެގުމަށް ހަމީދުވަނީ އިލްތިމާސްކޮށްފައެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސްއަށް ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔަރމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ. ރިޓަޔަރމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮންމެ ފުލުހަކަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ކާޑެކެވެ.

މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި، ފުލުހުންގެ މުއައްސަސާއަށް ވެދެވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް ބޭނުންފުޅު ކުރެއްވޭނޭ އައިޑެންޓިފިކޭޝަން ކާޑެކެވެ. އަދި މިކާޑަކީ ފުލުހުންނަށް ލިބިދޭ އެހެނިހެން ޚިދުމަތްތައް ވެސް ލިބިގެންދާނެ ކާޑެކެވެ.

މި ރަސްމިއްޔާތުގައިި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ދިވެހިރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުން، ރާއްޖޭގައި ހުންނަ ޔުނައިޓެޑް ސްޓޭޓްގެ ރެޕްރެޒެންޓޭޓިވް، ބޭރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ ސަލާމަތީ ބާރުތަކުގެ މަންދޫބުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނަރގެ އާއިލާ މެމްބަރުން ބައިވެރިވެލެއްވިއެވެ.
މި ލިއުމާއި ގުޅޭ