Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު އަސްލަމް

އަސްލަމް ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އައްޔަންކުރައްވައި ކޮމިޝަނުގެ މެންބަރުކަމުގެ ފަތްކޮޅު އޭނާއާ ހަވާލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އަސްލަމް އައްޔަންކުރެއްވީ މަޖިލީހުގެ ރައީސްކަމުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމާ ގުޅިގެން ހޯމަދުވަހުގެ ރޭ ބޭއްވި މަޖިލިސް ޖަލްސާގައި ނެގި ވޯޓު އިންތިޚާބުވެވަޑައިގަތުމުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން ޤާނޫނު އަސާސީގައި އެކުލަވާލާފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެ ކޮމިޝަނުގެ މެންބަރެކެވެ. ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިވެވަޑައިގަތުމާއެކު ޖޭއެސްސީގެ އެޖާގަ އޮތީ ހުސްވެފައެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އަސްލަމު ޖޭއެސްސީގެ މެންބަރުކަމުގެ ހުވައިކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކުރިފުޅުމަތީގައެވެ. އޭނާއަށް ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.

އަސްލަމަކީ ރައްޔިތުން މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން މެންބަރެކެވެ. 2005 ވަނަ އަހަރު މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން މެދުނުކެނޑި ފާއިތުވި ހުރިހާ މަޖިލިސްތަކަކަށް އޭނާ އިންތިޚާބުވެވަޑައިގެންފައިވެއެވެ.

އަސްލަމަކީ ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރެއްވި ބޭފުޅާވެސްމެއެވެ.
މި ލިއުމާއި ގުޅޭ