އަންނަ ހުކުރު ދުވަހުގައި އޮންނަ އައު ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތު އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ހުރަސްނޭޅޭ ގޮތަށް ހަމަޖައްސައިދިނުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ހުކުރުދުވަހު އަސްރު ނަމާދު ވަގުތާއި މަޣުރިބު ނަމާދު ވަގުތުގައި އިސްލާމީ މަރުކަޒުގެ ބައެއް ސަރަހައްދުތަކުގައި ނަމާދުނުކުރެވޭކަމަށް ބުނެ ބައެއް ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެން މީޑިއާއަށް މައުލޫމާތުދެއްވަމުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅުވައި، އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަކީ ރަނގަޅު ކަމެއްކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިނުގަންނަވާކަން، އިސްލާމިކް މިނިސްޓްރީއަށް އަންގަވާފައިވާ ކމަށެވެ.
އަދި، ސަލާމަތީ ސަބަބުތަކަށްޓަކައި، 2023 ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ ޢަޞުރު ނަމާދު ވަގުތާއި މަޣްރިބް ނަމާދު ވަގުތު، އިސްލާމީ މަރުކަޒަށް ވަދެ ނުކުތުމަށް ވަކި ޚާއްސަ ފަރާތެއް ނުވަތަ ދޮރޯށްޓެއް ހަމަޖެއްސެވި ނަމަވެސް، ނަމާދުކުރުމަށް މިސްކިތުގައި ޢާއްމު އުޞޫލުން ބޭނުންކުރާ އެއްވެސް ބައެއް، އެއްވެސް ނަމާދު ވަގުތެއްގައި ބަންދުނުވާނެ ފަދަޔަކުން އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށްވެސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
އިތުރަށް ފިރުޒުލް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، އިންތިޒާމުތައް ހަމަޖެހިފައިވާނީވެސް މި ފަދައިންނެވެ. ހުކުރު ދުވަހުގެ ޢަޞްރު ނަމާދާއި މަޣްރިބް ނަމާދު ވަގުތުގައިވެސް (އަދި އެއްވެސް ނަމާދު ވަގުތެއްގައި) މިސްކިތުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް، ބަންދުނުވާނެކަމަށް މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީން މީގެ ކުރިން ކުރި އިއުލާނުގެ މަޤުޞަދަކީ 17 ނޮވެންބަރުވާ ހުކުރުދުވަހުގެ އަސްރު ނަމާދާއި މަޣުރިބު ނަމާދު ވަގުތުގައި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދަުވާނެތީ، އެވަގުތުގައި އިސްލާމީ މަރުކަޒަށް ނަމާދަށް އަންނަ މީހުންނަށް އިސްލާމީ މަރުކަޒަށް ވަދެނިކުތުމަށް ކުރީގެ ދިރާގުގެ މައި އޮފީސް ހުރި ފަޅިއާއި އިރުމަތީ ފަޅިން ވަދެނިކުމެވޭނެކަން އެންގުން ކަމަށެވެ.