އާރުޑީސީގެ މެނޭޖަރަކު ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ރާ ފެނުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފިއެވެ.
އާރުޑީސީގެ އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ އެތަނުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި މައްސަަލައިގެ ތަހުގީގަށް ފުލުހުންވަނީ އިއްޔެ އާރުޑީސީއަށް ވަދެ، އެތަނުން ބައެއް ލިޔެކިޔުންތަކާއި ހެކި ހޯދާފައެވެ. އެތަނަށް ފުލުހުންވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ރޭ ފުލުހުން އާރުޑީސީގެ މެނޭޖަރެއްގެ ގެ ބަލައި ފާސްކުރީ އެތަހުގީގުގެ ތެރެއިންކަމެއް ކަށަވަރުނުވި ނަމަވެސް އެގެ ބަލައިފާސްކުރުމުގެ ތެރެއިން ބަނގުރާ ހުސްކުރި ފުޅިތަކަކާއި މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތައް ފެނިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކަމާ ގުޅިގެން ރަސްމީކޮށް ފުލުހުންގެ އިދާރާއިން ބަހެއް ނުލިބެއެެވެ.
ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ ޖަމާކޮށްފައިވަނީ ޔާސިރުގެ އަމިއްލަ އެކައުންޓަށެވެ. އޭނާގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފުސީލުތަކެއް އެނގޭކަށް ނެތެވެ. ޔާސިރަކީ މޫކޭގެ ޅިޔަނެކެވެ.
އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން ތަހުގީގު ކުރަންފެށީ އެމްބެޒެލްމެންޓު އަދި މަނީލޯންޑަރިން މައްސަލައެއްގެ ގޮތުގައި ކަމަށް އެ މައްސަލަ ތަހުގީގުކުރާ ޓީމުގައި ހިމެނިވަޑައިގަންނަވާ ފުލުހުންގެ އޮފިސަރެއް މައުލޫމާތު ދެއްވިއެވެ.
މައްސަލައިގެ ތަހްގީގް ކުރިއަށް ގެންދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ފުލުހުންގެ އިތުރަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓު (އެފްއައިޔޫ) ގުޅިގެން ކަމަށްވެސް މައްސަލަ ތަހުގީގުކުރުމުގައި އުޅުއްވާ ފުލުސް އޮފިސަރު ވިދާޅުވި އެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި އެ މައްސަލަ އެފްއައިޔޫގެ ސަމާލުކަމަށް އައިސް ބަލަމުންދާތާ މިހާރު 3 ވަރަކަށް މަސްވެއްޖެއެވެ.
އެ މައްސަލައިގެ ތަހުގީގު ފުލުހުން ފެށުމާ ގުޅިގެން ތަހުގީގު ހުއްޓުވުމުގެ މަސައްކަތް ސަރުކާރުގެ ނުފޫޒުގަދަ ބައެއް ވެރިން ކުރަން ފެށިކަން އޭރު ވެސް ވަނީ ހާމަވެފަ އެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކަމަށް "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ފުލުހުންގެ އޮފިސަރު ވިދާޅުވި އެވެ.
ފުލުހުންނާއި އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު ގުޅިގެން ކުރަމުން އައި ތަހުގީގު މަޑުޖެހުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަމުރަށް ފުލުހުންގެ އިދާރާގެ ބައެއް އިސްވެރިން އެ މައްސަލައިގެ ތަހުގީގު ހުއްޓުވުމުންނެވެ. ނަމަވެސް މިހާރު އަލުން މައްސަލައިގެ ތަހުގީގު ފެށިފައިވާކަން "ދިޔަރެސް"އަށް ފުލުހުންގެ އިސް އޮފިސަރަކު ކަށަވަރުކޮށްދެއްވިއެވެ.