އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ސެން ފްރެންސިސްކޯއަށް ވަޑައިގެންފި އެވެ.
އެމެރިކާ އާއި ޗައިނާގެ ރައީސުން އަންނަ ބުދަ ދުވަހު ދިގު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާއިރު، މިއީ ދެ ސުޕަޕަވާގެ މެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެކެވެ.
އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން ނުވަތަ އޭޕެކްގެ ސަރަހައްދީ ފޯރަމްގެ ރިޔާސީ ސަމިޓުގައި ވެސް ބައިޑަން ބޭރުގެ ލީޑަރުންނަށް މަރުހަބާ ކިޔާނެ އެވެ.
މި ފޯރަމްގައި ދުނިޔޭގެ އިގްތިސާދުގެ 60 އިންސައްތަ ހިއްސާކުރާ 21 ގައުމެއް އެއްތަނަކަށް ގެނެސްދެއެވެ.
ބައިޑަން މީގެ ކުރިން ވިދާޅުވެފައިވަނީ އެމެރިކާއިން ބޭނުންވަނީ ޗައިނާއާ ދުރުވާން ނޫން ކަމަށާއި ހަގީގަތުގައި ބޭނުންވަނީ ގުޅުން ބަދަހިކުރަން ކަމަށެވެ.
"އަޅުގަނޑުމެން މި އުޅެނީ ޗައިނާއިން ޑިކަޕްލް ކުރާކަށް ނޫން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ގުޅުން ރަނގަޅު ގޮތުގައި ބަދަލުކުރުން،" ސެން ފްރެންސިސްކޯއަށް ވަޑައިގަތުމުގެ ކުޑަ އިރުކޮޅެއް ކުރިން ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ހާސިލްކުރައްވާނެ ކަމަށް އުއްމީދު ކުރައްވަނީ ކޮން ކަމެއްތޯ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ އޭނާ ބޭނުންފުޅުވަނީ "އާދަޔާ ހިލާފު މަގަކަށް އެނބުރި ވަޑައިގަތުމަށް" ކަމަށެވެ. ކްރައިސިސްއެއް ދިމާވެއްޖެނަމަ ފޯނު ނަގައި އެކަކު އަނެކަކާ ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބުން؛ އަދިވެސް އަޅުގަނޑުމެންގެ (އަސްކަރިއްޔާ) އެކަކު އަނެކަކާ ގުޅުން ބަދަހިކުރެވޭތޯ ބެލުމެވެ."