އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު މިނިވަން ކުރުމާއި ގުޅިގެން އަދާލަތު ޕާޓީއިން ނުރުހުން ފާޅުކޮށްފިއެވެ.
އަދާލަތު ޕާޓީން ކުރި ޓްވީިޓެއްގައި ބުނެފައިވަނީ ދައުލަތުގެ މުދަލަށް ބޮޑެތި ޚިޔާނާތް ވީކަމަށް އަމިއްލައަށް އިޢުތިރާފްވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ޙައްޤު އަދަބު ނުލިބި ދިޔުމަކީ މި ޕާޓީއިން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
އަދާލަތުން ދެކޭގޮތުގައި އަދީބާއި ޒިޔަތަށް ހައްޤު އަދަބު ލިބެން ޖެހެއެވެ. އެމީހުން ކުރި ކުށަށް އެމީހުން ވަނީ އިއުތިރާފްވެފައެވެ. އެހެންކަމުން ދައުލަތަށް އެވަރުގެ ބޮޑު ގެއްލުމެއްދީ ޚިޔާނާތްތެރިވި ބަޔަކު މިނިވަން ކުރުމާއި ދެކޮޅަށް އެ ޕާޓީން ވަނީ އަޑުއުފުލާފައެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދިގު މުއްދަތަކަށް ހުކުމް ކޮށްފައިވާ އަދީބު އާއި ޒިޔަތު މިނިވަންވެފައިވަނީ އަދަބު ލުއިކޮށްދިނުމާއި މައާފުދިނުމުގެ ޤާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން މައާފުދެއްވުމާއި ގުޅިގެންނެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބު މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ދައުލަތާ އެކީގައި އަދީބު އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާއިރު، ސިއްހީ ހާލަތު ހުރި ގޮތުން އަދީބު މިހާތަނަށްވެސް ހުންނެވީ ގޭބަންދުގައެވެ.