ތިލަމާލެ ބުރިޖު އެޅުމަށް ބޭނުންކުރާ ބާޖެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުމާ ގުޅިގެން އެ މަޝްރޫޢު ހިންގާ އެފްކޮންސް ކުންފުނިން ދައްކަންޖެހޭކަމަށް ނިންމާފައިވާ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ މައާފުނުކުރުމަށް އެންވަޔަރަމެންޓު މިނިސްޓްރީން ނިންމައިފިއެވެ.
އެފްކޮންސް ޖޫރިމަނާކުރީ ފާއިތިވި އަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުގައި އެ ކުންފުނީގެ ބާޖެއް ވިލިމާލޭ ފަރަށް އަރައި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ. އީޕީއޭއިން ފަރުގެ ސާވޭ ހެދުމަށްފަހު ބުނެފައިވަނީ ބާޖު ފަރަށް އެރުމުގެ ސަބަބުން އެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ޖޫރިމަނާކުރަން އީޕީއޭއިން ނިންމުމުން އެފްކޯންސްއިް އެނިންމުން އެންވަޔަރަމެންޓު މިނިސްޓްރީގައި އިސްތިއުނާފުކުރިއެވެ. އެހެންނަމަވެސް މައްސަލައަށް އަހަރަަކަށްވުރެ ގިނަ ދުވަސްވީއިރު މިނިސްޓްރީން އޮތީ އެ މައްސަލާގައި ގޮތެއް ނުނިންމައެވެ.
މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލާގައި އީޕީއޭއިން ނިންމި ނިންމުން މިނިސްޓްރީން ދިރާސާކުރި ކަމަށެވެ. އަދި އެ މައްސަލަ ދިރާސާކޮށް އެންވަޔަރަމެންޓު މިނިސްޓްރީގެ ޤާނޫނީ ޓީމަށް ރިޕޯޓެއް ތައްޔާރުކޮށް ނިންމައިލެވުނީ ފާއިތުވި ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
އެ ރިޕޯޓުގައި މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުންގެ ލަފައެއް ހޯދުމަށް އިރުޝާދުދީފައިވާތީ، އެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ޤައުމީ ޔުނިވާސިޓީގެ ސެންޓާ ފޯ މެރިޓައިމް ސްޓަޑީސްގެ ލަފައެއް ހޯދުމަށް މޭ މަހުގެ 11 ވަނަ ދުވަހުގައި އެދުނުކަމަށް މިނިސްޓްރީން ބުންޏެވެ.
ޤައުމީ ޔުނިވާސިޓީ އެ މައްސަލަ ދިރާސާކޮށް ދިން ލަފާގައި ބުނެފައިވަނީ މަސައްކަތްކުރުމުގައި ނަގަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެފްކޯންސްއިން އެޅިނަމަ ގެއްލުން ކުޑަވެ ބާޖު ފަރަށް އެރުމުން ރައްކާތެރިވުމުގެ ފުރުސަތު އޮތް ކަމަށެވެ. އެކަންކަމަށ ރިއާޔަތްކޮށް މިނިސްޓްރީން ބުނީ އީޕީއޭއިން އެ ކުންފުނި ޖޫރިމަނާކުރަން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އަދި މިފަދައިން ޖޫރިމަނާކުރާ ހާލަތުގައި ލިބޭ ފައިސާއިން ބައެއް ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަނެ އަސްލު ހާލަތަށް ވެށި އިއާދަކުރުމުގެ މަސައްކަތް ކުރަން އީޕީއޭއަށް ލިބުމަކީ މުހިއްމުކަމެއްކަމަށް ދެކޭތީ އެފްކޮންސްއިން ދައްކަންޖެހޭ ޖޫރިމަނާ ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ އީޕީއޭގެ ރެސްޓޮރޭޝަން ފަންޑަށް ޖަމާކުރަން ނިންމާފައިވާކަމަށްވެސް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެފައިވެއެވެ.