Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލަމްހާ

ޓެގު އަޅުވާފައި ބަންދުން ދޫކޮށްދިނުމަށް ލަމްހާގެ ފަރާތުން އެދިއްޖެ

މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރެވުނު ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހުމާނު މޮނިކޮމް އަމުރެއްގެ ދަށުން ފައިގައި ޓެގު އެޅުވުމަށްފަހު ބަންދުން ދޫކޮށްދިނުމަށް އެދިއްޖެއެވެ.

ކްރިމިނަލް ކޯޓަށް މޭރީގެ މައްސަލަ ވައްދާފައިވަނީ، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމާއި އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާގެމައްޗަށް ބިނާކޮށެވެ. މިއަދު ކްރިމިނަލް ކޯޓުގައި މޭރީގެ މަރުގެ މައްސަލައިގެ ހެކިބަސް ނަގަން ބޭއްވި އަޑުއެހުމުގައި ބަންދު މުރާޖާ ކުރުން ކުރިޔަށް ގެންގޮސްފައިވެއެވެ.

ޝަރީއަތުގައި ލަމްހާގެ ފަރާތުން އެދިފައިވަނީ، މީގެ ކުރީގައިވެސް ޝަރީއަތް ހިންގަމުން ދަނިކޮށް ޓެގު އެޅުވުމަށްފަހު ބަންދުން ދޫކޮށްލާފައިވާފަދައިން، ހަރުކަށި ޝަރުތުތަކާއި އެކީ ލަމްހާވެސް ދޫކޮށްލުމަށެވެ.

އެގޮތުން، ލަމްހާގެ ވަކީލު އަހްމަދު ޔާމީން ޝަރީއަތުގައި ވިދާޅުވެފައިވަނީ، ބްލޮގަރު ޔާމީން ރަޝީދާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް މޮނިކޮމް އަމުރެއްގެ ދަށުން ޓެގު އެޅުވުމަށްފަހު ގޭބަންދަށް ދޫކޮށްފައިވާކަމަށެވެ. އެހެންކަމުން، އެހެން މައްސަލަތަކުގައިވެސް އެފަދައިން ދޫކޮށްލާފައިވާއިރު، ލަމްހާއަށްވެސް އެ ފުރުސަތު ދިނުމަށް އެދި ލަމްހާގެ ވަކީލު ޔާމީން ތަކުރާރުކޮށް ކޯޓުގައި އެދިފައިވެއެވެ.

މިއަދު ބޭއްވުނު އަޑުއެހުމުގައި ލަމްހާގެ ފަރާތުން އެދިފައިވަނީ މައިގަނޑުގޮތެއްގައި 2 ކަމަކަށެވެ. އެއީ ޓެގު އެޅުވުމަށްފަހު ހަރުކަށި ޝަރުތުތަކާއި އެކު މޮނީޓާ ކުރެވޭ ގޮތަށް ދޫކޮށްލުމަށާއި، ލަމްހާގެ ބަލިހާލަތަށް ރިޢާޔަތްކޮށްދިނުމަށެވެ.

މީގެ އިތުރުންވެސް، ލަމްހާގެ ވަކީލު ފާހަގަ ކުރެއްވި ގޮތުގައި، މޭރީގެ މަރުގެ މައްސަލައިގައި ގިނަ ހެކިވެރިންގެ ހެކިބަސް މިހާރު ނަގާ ނިމިފައިހުރުމުން ލަމްހާ ބަންދުން ދޫކޮށްލި ކަމުގައިވިޔަސް މުޖުތަމަޢުއަށް މާ ބޮޑު ނުރައްކަލެއް ނޯންނާނެއެވެ.

މޭރީގެ މަރުގެ މައްސަލައިގައި 74 ޝަފަހީ ހެކި ނަގާފައިވެއެވެ. އަދިވެސް 40 ހެއްހާ މީހުންގެ ހެކިބަސް ނެގުމަށް އެބަ ހުއްޓެވެ. އެގޮތުން މިއަދުގެ އަޑުއެހުމުގައި 3 ހެކިވެރިންގެ ހެކިބަސް ނަގާފައިވެއެވެ. އޭގެ ތެރޭގައި 2 ފުލުސް އޮފިސަރުން ހިމެނެއެވެ.

އެތަނުން އެއް ހެކިވެރިޔަކީ ލަމްހާގެ ގެއިން ފެނުނު ބޭސްތަކުގެ ފޮޓޯ ނެގި އޮފިސަރެވެ. ކުށުގެ ވެށިން ގާތްގަނޑަކަށް 70އެއްހާ ފޮޓޯ ނަގާފައިވާއިރު އެވިޑެންސް ބޭގުގެ ފޮޓޯ ނެތުމުން، ޝަރީއަތުންވަނީ އެކަމާއި ސުވާލު ކުރައްވާފައެވެ.

ޝަރީއަތުން ސުވާލު ކުރެއްވުމުން އޮފިސަރު ބުނެފައިވަނީ، އޮފިސަރު ކަންތައް ކުރީ އޭރު ޕްލޭންގައި އޮތް ގޮތައްކަމަށެވެ. އެގޮތުން، ފޮޓޯތައް ނަގާފައިވާނީ ދަބަހުން ބޭސްތައް ނަގައި މޭޒުމަތީގައި ބޭސްތައް ބެހެއްޓުމަށް ފަހުގައި ކަމަށް ފުލުސް އޮފިސަރު ބުނެފައިވެއެވެ.

ލަމްހާގެ ފަރާތުން ޝަރީއަތުގައި އެދުނު ކަންކަމަށް ރައްދުދެއްވައި ދައުލަތުން ބުނެފައިވަނީ ގަސްތުމަރުތަކުގައި ޓެގު އަޅުވާފައި ކުށްވެރިޔާ ދޫކޮށް ނުލެވޭނެކަމަށެވެ. އަދި ޓެގު އަޅުވާފައި ކުއްވެރިޔާ ދޫކޮށްލުމަކީ ގާނޫނު ދަންނަ ކަމެއް ނޫންކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.

އަދި ލަމްހާއާއި ދެކޮޅަށް ހުށަހެޅިފައި ހުރި ހެކިތަކަށް ބަލާއިރު ލަމްހާ ބަންދުން ދޫކޮށްލުމަށް ނުފެންނަކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ.

މޭރީގެ މަރުގެ މައްސަލައިގައި މިއަދު ބޭއްވުނު އަޑުއެހުމުގައި، މޭރީގެ މަރުގެ މައްސަލައިގައި ޝާމިލްވާ މާވިން އެސްވައި ވާގަސްގެ ފަރާތުން ބަންދުގައި ހުރުމަށް އިއުތިރާޒެއް ނެތްކަމަށް ބުނެފައިވެއެވެ. ނަމަވެސް ދަތުރުކުރުމުގައި ދަތިތަކެއް ހުރުމުން އޮންލައިންކޮށް އަޑުއެހުންތަކުގައި ބައިވެރިވެވޭނެ ގޮތް ހައްދަވައިދެއްވުމަށް މާވިންގެ ވަކީލު އެދިފައިވެއެވެ.

ދައުލަތުގެ ފަރާތުން މާވިންގެ ބަހަކަށް އެދުމުން މިއަދުގެ އަޑުއެހުމުގައި މާވިން ބުނެފައިވަނީ އޮންލައިންކޮށް މި މައްސަލައިގައި ބައިވެރިވެ ތަރުޖަމާނާއި ވަކިން އިނުމަށް އިޢުތިރާޒެއް ނެތްކަމަށެވެ.

މޭރީގެ މަރުގެ މައްސަލައިގައި އަޑުއެހުމެއް ބާއްވަން ދެން ހަމަޖެހިފައިވަނީ މިމަހުގެ 23ވާ ބުރާސްފަތިދުވަހުގައެވެ. އެ އަޑުއެހުމުގައި ކުރިޔަށްދާނީ ބަންދު މުރާޖާ ކުރުމާއި ބެހޭގޮތުން ގޮތެއް ނިންމުމެވެ.

މީގެ ކުރިންވެސް ލަމްހާގެ ފަރާތުުން ބަންދުން ދޫކޮށްދިނުމަށް އެދިފައިވެއެވެ. މިއަހަރުގެ މޭމަހު ލަމްހާގެ ފާރާތުން އެދިފައިވަނީ، އޭނާގެ އުމުރުގެ ހަގުކަމާއި ނަފްސާނީ ހާލަތު ތަން ނުދޭތީ ގޮތް ބަލާލަން 100 ދުވަހުގެ މުއްދަތަކަށް ބަންދުން ދޫކޮށްލަދިނުމަށެވެ.

19 އޮކްޓޫބަރު 2021ގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ބޮލާއި ކަރަށް ހަމަލާދީ ހާސްކޮށްލައިގެން މޭރީ މަރާލި މައްސަލައިގައި ލަމްހާއާއި މޭރީގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވެއެވެ. މޭރީ މަރާލާފައިވަނީ، މޭރީގެ ފިރިމީހާއާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްޓަކައިކަން ވަނީ ހާމަވެފައެވެ.

މި ލިއުމާއި ގުޅޭ