Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރު ކުންފުނިތައް

ޕީއެސްއެމް ހިމެނޭހެން ސަރުކާރުގެ 8 ކުންފުންޏެއްގެ އެމްޑީކަމަށް އަންހެން ބޭފުޅުން

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން 8 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމަށް އަންހެން ބޭފުޅުން އައްޔަންކުރައްވަން ނިންމަވާފައިވާކަން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރޭ ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންނާ ބައްދަލުކުރެއްވި ކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ޑރ.މުޢިއްޒު ފާހަގަކުރެއްވީ ސަރުކާރު ހިންގުމުގެ މަތީ ފަނޑީގައި އަންހެނުންގެ ހިއްސާ އިތުރުކުރެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

"މިއީ މިހާތަނަށް އެންމެ ގިނަ އަދަދު. އަޅުގަނޑަށް މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު ދެ ކުންފުންޏަށް ވުރެ ގިނައިން އެއްވެސް ސަރުކާރެއްގައި ނެތް އަންހެން ބޭފުޅުން ކުންފުނި ހިންގައިފައެއް. ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން ތިން މިނިސްޓްރީއަކަށް، އަދި ކުންފުނިތަކުގެ ތެރެއިން މިހާތަނަށް މަދުވެގެން އަށް ކުންފުންޏަކަށް އަންހެން ބޭފުޅުން ވަނީ ކޮންފާމްކޮށްފައި.،" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނުގެ ސަރުކާރުގައި ސަރުކާރު ހިއްސާވާ އަދި ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން 8 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމަށް އަންހެން ބޭފުޅުން އައްޔަންކުރައްވަން ނިންމަވާފައިވާކަމަށާއި އޭގެ ތެރޭގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްވެސް ހިމެނޭނެ ކަމުގައި ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާގެ މެނޭޖިން ޑިރެކްޓަރުކަމަށް އަންހެން ބޭފުޅަކު އައްޔަންކުރައްވަން ނިންމަވާފައިވާކަން އިއުލާޏުކުރެއްވުމާއެކު، ޑރ.މުޢިއްޒު ވިދާޅުވީ އެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅާ ރޭގެ ބައްދަލުވުމުގައި އިންނެވި ކަމަށެވެ. ނަމަވެސް އެ މަޤާމަށް އައްޔަންކުރައްވަނީ ކޮން ބޭފުޅެއްކަން އެމަނިކުފާނު ރޭގައި ހާމަނުކުރައްވައެވެ.

އޭގެ އިތުރަށް ޤައުމީ ޔުނިވާސިޓީ ހިންގެވުމަށް ވައިސް ޗާންސެލާގެ މަޤާމަށްވެސް އައްޔަންކުރައްވަން ނިންމަވާފައިވަނީ އަންހެން ބޭފުޅެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އަންހެން ބޭފުޅުން މަޤާމުތަކަށް އައްޔަންކުރައްވަން ނިންމަވާފައިވާކަން ހާމަކުރެއްވުމާއެކު އިންތިޚާބީ ރައީސް ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ވީހާވެސް ގިނަ އަންހެން ބޭފުޅުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވުން ކަމަށެވެ.

މި ލިއުމާއި ގުޅޭ